ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރު ކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގި "މެމްބަޝިޕް ޑްރައިވް" އަށް ފަހު ޕާޓީގެ ދަފްތަރާމެދު ގިނަ ޝަކުވާތަކެއް އުފެދިފައިވާތީ، ޝަކުވާ ހުށަހަޅަން އޭޕްރީލް 13 ގެ ނިޔަލަށް ހުޅުވާލައިފިއެވެ.
ޕީއެންސީ އިން ބުނީ ޝަކުވާ ހުށަހެޅުމަށް ޖެނުއަރީ 13 ގައި އާންމުކޮށް ހުޅުވާލިކަމަށާއި، މިހާތަނަށް ޕާޓީއަށް ހުށަހެޅި ޝަކުވާ ތަކާއި ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށެވެ.
ޕީއެންސީ އިން ބުނީ ދަފްތަރު ބެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން އިތުރަށް ހަރުދަނާކުރުމަށް ރައީސް މުއިއްޒު އަންގަވާފައިވާކަމަށާއި، އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕީއެންސީ މެމްބަރެއްގެ ގޮތުގައި ހިމެނިފައި އޮތް ނަމަވެސް ނުވަތަ ނުހިމެނި އޮތުމާމެދު ޝަކުވާއެއް ވާނަމަ އޭޕްރީލް 13 ގެ 15:00 ގެ ކުރިން ހުށަހެޅުމަށެވެ.
ބައެއް ފަރާތްތަކަށް ނޭނގި ވަގު ފޯމުލައިގެންނާއި، ސޮއި ފޯޖު ކޮށްގެން ޕީއެންސީ އަށް މީހުން ވައްދަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި މި ފަހުން ވަނީ ވާހަކަތަކެއް ދައުރުވެފައެވެ. މިކަމާ ގުޅިގެން ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގި "މެމްބަޝިޕް ޑްރައިވް" ގައި ޕާޓީއަށް ހުށަހެޅި އެތައް ހާސް ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނިކޮށް މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.
ޕީއެންސީ އިން ބުނީ ޕާޓީގެ އިލެކްޝަންސް ޕޯޓަލް މެދުވެރިކޮށް ފޯމުތައް އަޕްލޯޑުކުރަމުން ދިޔަ ނަމަވެސް، ޕާޓީއަށް ވަނުމަށް އެދި ލިބުނު ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލްކަން އެ ޕާޓީއަށް ލިބިފައިނުވާ ކަމަށެވެ. މިކަމުގެ ސަބަބުން ފޯމުގެ ސައްހަކަމާ މެދު ސުވާލު އުފެދެނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފަހު މަރުހަލާގައި ކަމަށާއި މިއީ ހަމައެކަނި އެ ޕާޓީއަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް ވެސް ޕީއެންސީ އިން ވަނީ ބުނެފައެވެ.