ސިޔާސީ ޕާޓީން ވަކިކުރުމުން އެ ޕާޓީއެއްގެ ސްލޮޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރަމުންދާ މެންބަރުގެ ގޮނޑި ގެއްލޭގޮތަށް ފާސްކުރި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ނުހިންގުމުގެ އަމުރެއް ނެރެދިނުމަށް އެ ކޯޓުގައި އެދިއްޖެއެވެ.

މި އަމުރު ނެރެދިނުމަށް އެދިވަޑައިގެންނެވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނަށް ފޮނުއްވި ސިޓީގައި އަލީ ހުސައިން ލިޔުއްވީ، އަންނަ ހޯމަ ދުވަހު މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތާވަލުކޮށްފައިވާ މި ދަނޑިވަޅުގައި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާ ކަމަށާއި، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގައި ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މައްސަލަތަކެއް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު އާންމުވެފައިވާ ކަމަށެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ފަނޑިޔާރުންނަކީ މުސްތަގިއްލުކަމާ އެކު ވަކިކޮޅަކަށް ބުރަނުވެ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން އަމަލުކުރަން ޖެހޭ ބައެއް ކަމަށްވުމާ އެކު، މުސްތަގިއްލުކަމާ އެކު ފަނޑިޔާރުން މަސައްކަތްކުރުމަށް ހުރަސްއެޅިގެންދާ ގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރާ ނަމަ، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅިގެން ދާނެ ކަމަށް ވެސް އެ ސިޓީގައި އޭނާ ލިޔުއްވާފައިވެއެވެ

"މިފަދަ ހާލަތްތަކުގައި އަދުލު އިންސާފު ގާއިމްކޮށް ނިޒާމުގެ ނަހަމަ ބޭނުން ހިފިޔަނުދިނުމަށް ކުރަންޖެހޭ އަމުރުތައް ކުރުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައި އޮތް ބާރެކެވެ." އެ ސިޓީގައި ވެއެވެ.

އެހެންކަމުން އަލީ ހުސައިން އެދިވަޑައިގަތީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ނުހިންގުމަށް ދައުލަތުގެ އިދާރާތަކަށް އަމުރެއް ނެރެދިނުމަށެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ. ފާހަގަކުރެވޭ ގޮތުގައި މި މައްސަލައިގެ ތެރެޔަށް ޑިމޮކްރެޓުންނާއި މައި އިދިކޮޅު ޕާޓީ އެމްޑީޕީން ވެސް ވަނީ ތަދައްހުލުވެފައެވެ.