ރ. ކިނޮޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، 19,780 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ރ. ކިނޮޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުއެވެ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 11.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކިނޮޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އިތުރުން ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި 285 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ނިންމާފައެވެ.

އެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން 45.1 މިލިއަން ރުފިޔާއަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.