ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫގައި ހިންގި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފެބްރުއަރީ 12 ވަނަ ދުވަހު ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ، މަޔާ ޕެލަސް، އާމިނަތު (56) އާއި ފާތިމަތު މާޔާ (25) އެވެ.

މި އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގުރާމު ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އާމިނަތު 5 ދުވަހަށް އަދި ފާތިމަތު މާޔާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.