ދައުލަތުގެ ކުންްފުނިތަކުގެ ކަންކަން ބަލަހައްޓަމުންދާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސްގެ މަގާމުން ހަމްދީ އަގީލް ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކި ކުރީ ކޮން ސަބަބަކާ ހުރެކަން މިހާތަނަށް އެނގިފައި ނުވާއިރު ޕީސީބީގެ ރައީސް ކަމަށް އޭނާ އައްޔަން ކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ހަމްދީ މަގާމުން ވަކި ކޮށްފައި މިވަނީ މި ރޯދަ މަހާ ދިމާކޮށް ހަދިޔާ އާއި ހަދިޔާގެ ގޮތުގައި އިތުރު ފައިސާ ނުދިނުމަށް އިއްޔެ ސާކިއުލާއެއް ނެރެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް މި ވަގުތު އަޅަންވީ ފިޔަވަޅުތަކުގެ ސާކިއުލާއެއް ވެސް ޕީސީބީން އިއްޔެ ވަނީ ނެރެފައެވެ.

ހަމްދީއަކީ މީގެ ކުރިން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުފައްދާފައި ވަނީ ދައުލަތުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން 2013 ވަނަ އަހަރުއެވެ. ޕީސީބީ އަށް ރައީސް އައްޔަން ކުރައްވާ ބޭފުޅުންނަށް މަގާމު ލިބިގެން ދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެެވެ.