މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މެޒޯ އަކީ ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައި ވާ ބޭފުޅެއް ކަމަށާއި އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަގުބޫލު ބޭފުޅެއް ކަމަށެވެ.

އެއާއެކު ރައީސް ވަނީ މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ދަންނަވާ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރައްވާފައެވެ. އަދި މަރުހޫމް މުހައްމަދު މާޖިދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުމަށް އެދި ރައީސް ވަނީ ދުއާކުރައްވާފައެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި މެޒޯ ނިޔާވީ ހާޓް އެޓޭކެއް ޖެހި އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އުމުރުން 59 އަހަރުގެ މެޒޯ ނިޔާވުމާ ގުޅިގެން ދާއިރާގައި އުޅޭ ފަންނާނުންގެ އިތުރުން އާންމުން ވެސް ދަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ގިނަ އަމިއްލަ ރާގުތަކެއް ބެލުންތެރިންނާއި އެހުންތެރިންނަށް ގެނެސްދީފައިވާ މެޒޯ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ބައްޕައެވެ. އޭނާ އަކީ ދިވެހި އަމިއްލަ އުފެއްދުންތެރިކަމުގެ ލާމަސީލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ.

މެޒޯ މުހައްމަދު މިއުޒިކުގެ ދާއިރާގައި ކުރި ހިދުމަތުގެ އަގު ވަޒަންކޮށް 2010، ގައި މިއުޒިކުގެ ދާއިރާއިން އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ސަރުކާރުން ވަނީ ދީފައެވެ.