ހެލްތު މިނިސްޓްރީން މިއަދު ގެޒެޓުގައި އާންމުކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ވޭޕްގެ ބާވަތްތައް އަތުލައި، ނައްތާލުމުގެ ބާރު ފުލުހުންނަށް ދީފިއެވެ.
ވޭޕްގެ އެކި ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން މަނާކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 15 ގައެވެ. އަދި މި ގަވައިދަށް އަަމަލުކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ގައެވެ. ފުލުހުން ވަނީ މިދިޔަ ޑިސެންބަރު މަހުގެ 15 އިން 31 ގެ ނިޔަލަށް، މި ގާނޫނާ ހިލާފުވި 20 މައްސަލައެއްގައި 17 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި މިދިޔަ ޖެނުއަރީ މަހު 12 މީހަކު ޖޫރިމަނާ ކޮށްފައި ވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެކުރިން ވޭޕް ގެންގުޅޭ މީހުންނާއި ވިޔަފާރިކުރުން ފަދަ ކަމެއް ކުރާ މީހުން ޖޫރިމަނާ ކުރަމުން ދިޔަ ނަމަވެސް އެ ތަކެތި އަތުލުމުގެ ބާރު ފުލުހުންނަށް ގާނޫނުން ދީފައެއް ނުވެއެވެ. މިއަދު އާންމުކުރި ގަވައިދުގައި ވާގޮތުން ވޭޕް އަތުލުމުގެ އިތުރަށް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރާ ތަނަކުން ވޭޕް ފެނިއްޖެ ނަމަ ފުލުހުންގެ ބެލުމުގެ ދަަށަށް އެ ތަކެތި ގެންދިއުމުގެ ބާރު ވެސް ފުލުހުންނަށް ވަނީ ދީފައެވެ.
މީގެއިތުރުން ފުލުހުންނަށް ވޭޕް ހަވާލުކުރަން ކުރާ އަމުރަކާ ދެކޮޅު ހަދާ މީހުން 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެފަދަ އާލާތެއް ވިއްކައިފިނަމަ 20،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާން ކޮށްފައެވެ. އަދި ވޭޕްކޮށްފިނަމަ 5،000ރ. އިން ޖޫރިމަނާ ކުރާއިރު، ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައި ވެއެވެ.
ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހަށް ހުރިހާ މީހުންވެސް ފުރިހަމައަށް އަމަލުކުރުމަށާއި ގާނޫނު ތަންފީޒް ކުރުމުގައި ފުލުހުންގެ ހިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސް ކޮށްފައެވެ.
ވޭޕް ބޭނުން މަނާކޮށް އެ ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް އަދިވެސް އާންމު ތަންތަނުގައި ވޭޕް ބޭނުން ކުރާކަމުގެ ޝަކުވާތައް ގިނައެވެ. މި ގޮތުން ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މޮނީޓާކުރެވޭނެ ރަނގަޅު އިންތިޒާމެއް ނެތްކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.