ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދޭ ރޯދަ އިނާޔަތުގެ ފައިސާގެ އިތުރުން އިތުރު ހަދިޔާތައް ނުދިނުމަށް ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އަންގައިފިއެވެ.

ޕީސީބީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދިނުމުގައި ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށާއި އޭގެ އިތުރުން ރޯދަ މަހާ ގުޅުވައިގެން އިތުރު ހަދިޔާތައް ނުދިނުމަށެވެ. އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ޖެހޭނީ އެ މީހެއްގެ އަސާސީ ވަޒީފާ އޮންނަ ކުންފުންޏަކުން ކަމަށް އެ ސާކިއުލާގައި ބުނެފައި ވެއެވެ.

ރޯދަ މަސް ފެށޭއިރު ނޯ ޕޭ ލީވް އާއި ޕޭ ލީވްގައި ތިބި ސްކޮލަޝިޕް މުވައްޒަފުންނަށް އިނާޔަތް ދޭން ނުޖެހޭނެ ކަމަށް ވެސް ޕީސީބީން ބުނެއެވެ. ނަމަވެސް ރޯދަ މަސް ތެރޭގައި އެ މުވައްޒަފަކު ވަޒީފާއާ އަލުން ގުޅިއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރޯދަ އިނާޔަތަށް ޖެހޭ މިންވަރަށް ދޭން ޖެހޭނެ ކަމަށް ބުނެއެވެ.

ޕީސީބީން މިހެން ބުނެފައި ވާ އިރު، މިދިޔަ އަހަރު ޕީސީބީން ވަނީ، ރޯދަ މަހުގެ އިނާޔަތުގެ އިތުރުން އިތުރު ހަދިޔާ ދެވޭނެ ކަމަށާއި މާލީ ގޮތުން ކުންފުންޏަށް ބުރަ ނުވާ ގޮތަށް އިތުރު ހަދިޔާ ދެވޭނެ ކަމަށް ބުނެފައެވެ.

ދައުލަތުގެ މުވައްޒަފުންނަށް މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދޭން ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަަސް ފެށޭނީ މާޗް މަހުގެ ފުރަތަމަ ދުވަހު އެވެ.