ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީ އާއި އަރުޝީފް އިތުރަށް ތަރައްގީކުރުމަށް އިންޑިއާގެ ލޮކް ސަބާގެ އެހީތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފިއެވެ.
އިންޑިއާގެ ލޮކް ސަބާގެ ރައީސް އާއި ރާޖްޔަ ސަބާގެ ޗެއަމަންގެ ދައުވަތަކަށް މި މަހުގެ 10 އިން 14 އަށް ކުރައްވާ ދަތުރުފުޅުގައި ލޮކް ސަބާގެ ރައީސް އޯމް ބިރްލާ އާއި ބައްދަލުކުރައްވާ ދެއްކެވި ފާހަކަފުޅުގައި ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ.
ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު އަބަދުވެސް އޮންނަގާތް ގުޅުން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު 2019 ވަނަ އަހަރު ހެދިފައިވާ އެމްއޯޔޫގެ ދަށުން މަޖިލީހުގެ މުވައްޒަފުންނަށް ލޮކް ސަބާގެ ފަރާތުން ހިންގަމުން ގެންދާ ތަމްރީން ޕްރޮގްރާމްތަކާ ގުޅޭގޮތުން ވާހަކަފުޅުދެއްކަވާފައެވެ. އަދި އަބަދުވެސް ލޮކް ސަބާއިން ރައްޔިތުންގެ މަޖިލީހަށް ދެމުން ގެންދާ އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި އޯމް ބިރްލާ ވަނީ އިންޑިއާގެ ޑިޖިޓަލް ޕާލަމެންޓްރީ ކުރިއެރުންތަކާއި މީހުން ތަމްރީން ކުރުމާއި ކުރިއެރުވުމުގައި ލޮކްސަބާ ގެ ޕާލަމެންޓްރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) ގެ ދައުރަށް އަލިއަޅުވާލައްވާފަ އެވެ. އަދި ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުގެ ތަޖުރިބާ ދިވެހިރާއްޖެއާ ހިއްސާކުރުމަށް އިންޑިއާއިން ތައްޔާރަށް އޮތްކަން އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގެ ސަބަބުން ދެމަޖިލީހުގެ ދެމެދުގައި އޮތްގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސް، ވަނީ ލޮކް ސަބާގެ ރައީސް އޯމް ބިރްލާ އަށް ދިވެހިރާއްޖެއަށް ޒިޔާރަތެއްކުރެއްވުމަށް ދައުވަތު ދެއްވާފައެވެ.