ގޭންގު ކުށްކުށުގައި ބައިވެރިވާ ފަރާތްތަކާއި ފުލުހުންނާއި ޝަރުއީ ދާއިރާ އާ ގުޅިލާމެހިފައި އެބަ އޮތް ކަމަށާއި، ގޭންގު ކުށްތައް މުޖުތަމައުގައި ހިނގާއިރު ތަންފީޒީ އިދާރާތަކުގެ އިހުމާލު އެބައޮތް ކަމަށް، ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ގޭންގު ކުށްތައް ހުއްޓުވުމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ހުސައިން ވިދާޅުވީ، ގޭންގުތަކުގެ ނެޓްވޯކްތައް ގުޅިފައިވާ ގޮތާ މެދު ވިސްނާލަން ޖެހޭ ކަމަށާއި، އިވޭ ގޭންގުތަކާއި ދައުލަތުގެ މުއައްސަސާތަކާ ދެމެދު ގުޅުމެއް އޮންނަ ކަން އެނގޭ ކަމަށެވެ. އެހެންކަމުން ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި ތަންފީޒީ މުއައްސަސާތަކަށް ބާރުތައް ދޫކޮށްލުމުގެ ކުރިން ވިސްނާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އިވޭ އަޑުތަކަށް ރިއާޔަތްކުރާ ނަމަ އަޅުގަނޑުމެންނަށް މި އެނގެނީ އާންމުކޮށް މިފަދަ ފަރާތްތައް ނޫނީ ގޭންގަށް ނޫނީ ގޭންގުގަ މި ބައިވެރިވާ އަޅުގަނޑުމެންގެ ތެރޭގަ އުޅޭ ވަކި ފަރުދުންގެ ތެރޭގަ އުޅޭ ފަރުދުން އަޅުގަނޑުމެންގެ ޝަރުއީ ނިޒާމާއި އަޅުގަނޑުމެންގެ ޝަރުއީ ނިޒާމާއި އަޅުގަނޑުމެންގެ ޕޮލިހުންގެ މުއައްސަސާ އާ ވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައި އޮންނަ ކަން،" ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ މި ކަމުގައި ތަންފީޒީ އިދާރާތަކުގެ އިހުމާލު އެބައޮތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޒުވާން ޖީލެއް ފުރާވަރު އުމުރުގައި ކުށުގެ ވެށްޓަށް ހުށަހެޅިގެން ދާ މަންޒަރު މިއަދު ފެންނަމުންދާ ކަމަށާއި، ކުށުގެ ވެށްޓަށް ޒުވާނުން ހުށަހެޅިގެން ދާ މިންވަރާ މެދު ކަންބޮޑުވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑު މި ވާހަކަ މި ދައްކަނީ އަޅުގަނޑުމެންގެ މި މުޖުތަމައު އަމާން ވެއްޓެއް ގާއިމްކޮށް އަޅުގަނޑުމެންގެ ޒުވާނުންނަކީ މާދަމާ މި ގައުމުގެ މުސްތަގްބަލުކަމަށް އަޅުގަނޑުމެން ދެކޭއިރުގަ އެ ޒުވާނުން ހަރުދަނާ ގޮތެއްގަ ބިނާކުރުމަށްޓަކައި ހުރިހާ ސަރުކާރުތަކުން އެބަ ޖެހޭ މިއަދު އަޅުގަނޑުމެން ވަރަށް ސީރިޔަސްކޮށް ވިސްނައިފަ އެ ޒުވާނުންގެ މުސްތަގްބަލަށްޓަކައި ދައުލަތެއްގެ ސިފައިގަ މަގުތަށް ދައްކަދޭން،"

ތަންފީޒީ އިދާރާތަކަށް ބާރުތައް ދޭ އިރު އާންމުންނަށް ހައްގުނޫން އަދަބުތަކެއް ދެވޭ ގޮތަށް ދޫކޮށްލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، އާންމުންގެ އެއްވެސް ބަޔަކަށް ހައްގުނޫން އަނިޔާއެއް ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ހުސައިން ވިދާޅުވިއެވެ.