މިދިޔަ ޑިސެމްބަރު މަހު ސަރުކާރުގެ ގިނަ އިދާރާތަކެއް ހިންގަމުން ދިޔަ ގްރީން ބިލްޑިން ކޮމްޕްލެކްސްގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ގެއްލުނީ ވަރަށް ކުރީގެ ލިޔެކިޔުންތަކެއް ކަމަށާއި، މުހިންމު ލިޔެކިޔުންތައް ސަލާމަތްކުރެވިފައިވާ ކަމަށް، މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ރަޖިސްޓްރޭޝަނާ ބެހޭ ބައި ހުންނަ ގްރީން ބިލްޑިން ކޮމްޕްލެކްސްގައި މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ރޯވި އަލިފާންގަނޑުގެ ސަބަބުން މިނިސްޓްރީތައް ހިންގުން ދަރުބާރުގެ އަށް ބަދަލުކޮށް، ކައުންސިލްގެ ރެޖިސްޓްރޭޝަންގެ ހިދުމަތް ހުޅުމާލެ އަށް ވަނީ ބަދަލުކޮށްފައެވެ.
އެ ދުވަހު ފުލުހުންނާއި ސިފައިންނާއި ކަމާގުޅުންހުރި އިދާރާތަކުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ އެ ތަންތަނުގައި ހުރި ލިޔެކިޔުންތައް ސަލާމަތްކޮށް ރައްކާތެރި ހިސާބަކަށް ގެންދިޔުމުގެ މަސައްކަތް ވެސް ކޮށްފައެވެ.
އެ ދުވަހު ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ، 60 ގެ އަހަރުތަކުގައި މާލޭގައި އުފަންވި މީހުންގެ ލިޔެކިއުންތަކާއި ގެދޮރުގެ ރެޖިސްޓްރޭޝަންތައް ހުންނާނެ ކަމަށާއި، އެފަދަ އެއްވެސް މައުލޫމާތެއް ގެއްލިއްޖެ ހާލަތެއްގައި އެ މައުލޫމާތު އަނބުރާ ހޯދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
މިކަމާ ގުޅިގެން ރޯވި ލިޔެކިޔުންތަކާ ބެހޭގޮތުން 'ދަ ޕްރެސް' އިން ސުވާލުކުރުމުން އާޒިމް ވިދާޅުވީ، ގެއްލުނީ ވަރަށް ކުރީ ޒަމާނުގެ އާކައިވްކުރަން ޖެހޭ ލިޔެކިޔުންތަކެއް ކަމަށާއި، ފަހުގެ މުހިންމު ހުރިހާ ލިޔެކިއުމެއް ރައްކާކުރެވިފައި އެބަހުރި ކަމަށެވެ.
"އާކައިވްކުރެވިފަ އެބަހުރި ކޮންމެވެސް ވަރަކަށް، އެކަމަކު އެއްކޮށް އާކައިވްކުރެވިފަކަ ނެތް މުޅި ތަނުގެ ޑޭޓާ އެއް އަސްލު، ހާއްސަކޮށް އަނދައިގެން ދިޔަ އެއްޗެހިތަކުގެ ތެރޭގަ އާކައިވްކުރެވޭ އެއްޗެހި ހުރި ކަމަކަށް ނުފެނޭ، އާކައިވް ކުރެވިފަ ހުރީ ކޮންމެވެސް ވަރަކަށް ފަހުގެ އެއްޗެހި،" އޭނާ ވިދާޅުވިއެވެ.