ރިސޯޓުތަކާއި ހޮޓާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުމަށް ހުރި ހުރަސްތައް ނައްތާލައި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ހެދުން އެޅުމުގެ އުސޫލެއް އެކުލަވާލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގެންފިއެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަމާއި އެ މީހަކު ބޭނުން ވަޒީފާއެއް އަދާކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ލިބިދީފައިވީ ނަމަވެސް، ތުނބުޅި މަތިމަސް ބެހެއްޓުމާއި ބުރުގާ އެޅުން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ބައެއް ތަންތަނުގައި މުވައްޒަފުން ހެދުން އަޅަން ޖެހޭ މިންގަނޑުގެ ދަށުން އެކަން ކުރުމަށް ހުރަސް އެޅޭ ކަމަށެވެ.
މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ބުރުގާ އަޅައިގެން ނުވަތަ ތުނބުޅި މަތިމަސް ބަހައްޓާ ފަރާތްތަކަށް ހުރަސްތައް ކުރިމަތިވާ ކަމަށް އެ ގަރާރުގައި ވެއެވެ.
އެހެންކަމުން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ މުވައްޒަފުން ތަބާވާން ޖެހޭ ހެދުން އެޅުމުގެ އުސޫލުތަކުގެ ތެރޭގައި ބުރުގާ އަޅައިގެން މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށާއި، ތުނބުޅި މަތިމަސް ބަހައްޓައިގެން މަސައްކަތްކުރަން އެދޭ ފިރިހެން މުވައްޒަފުންނަށް ހުރި ހުރަސްތައް ނައްތާލައި، މުވައްޒަފުން އަމަލުކުރަން ޖެހޭ ހެދުން އެޅުމުގެ އާންމު އުސޫލެއް އެކުލަވާލުމަށް އެ ގަރާރުގައި އޭނާ ގޮވާލައްވާފައިވެއެވެ.
މައުރޫފް ހުށަހެޅުއްވި ގަރާރު ބަލައިގަތީ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ ވެސް ވޯޓުންނެވެ. އެހެންކަމުން ރިޔާސަތުން ވަނީ އެ ގަރާރު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮޮމިޓީ އަށް ފޮނުވާލައިފައެވެ.