ސަރުކާރުގެ އިގްތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އާދައުރުގެ ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ މާދަމާއެވެ. މާދަމާގެ އެޖެންޑާގައި ވަނީ ހަރަދު ކުޑަކުރުމަށް ކުރިއަށް އޮތް ދެ އަހަރު ދުވަހު އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ހިމަނާފައެވެ.
ހަމައެއާއެކު މިނިސްޓްރީތަކަށް ގެނައި ބަދަލުތަކަށް ރުހުން ހޯދުމާއި، ޓޫރިޒަމާއި އެންވާރަމެންޓް އެއްކޮށްލުމާ ގުޅިގެން މިނިސްޓަރު ތޯރިގް އިބްރާހިމަށް ރުހުން ހޯދުމުގެ މައްސަލަ ވެސް މާދަމާގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން އޭސީސީ އާއި އީސީގެ ނައިބު ރައީސް ކަނޑައެޅުމުގެ މައްސަލަ ވެސް ވަނީ އެޖެންޑާ ކޮށްފައެވެ. އަދި ސަރުކާރުގެ ފަރާތުން އަލަށް ހުށަހަޅާ އިދާރީ ދާއިރާތައް ލާމަރުކަޒީ ކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ވެސް ވަނީ އެޖެންޑާކޮށްފައެވެ.
ސަރުކާރުގެ އިގްތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ރައީސް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމާއި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ނިންމާފައެވެ. ހަމައެއާއެކު ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މުސާރައަށް ގެންނަން ނިންމަވާފައިވާ ބަދަލުތަކުގެ ތެރޭގައި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ނިންމާފައި ވެއެވެ. އަދި ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދުމަށް ވެސް ވަނީ ނިންމާފައެވެ.
މި ބަދަލުތައް ގެންނަވަން ނިންމަވާފައިވާ ކަން ހާމަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓް ނުނަގާ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.