ޏ. ފުވައްމުލަކުގައި ހިންގަމުން ދިޔަ ޑްރަގް ކެފޭތައް ހުއްޓުވާ އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް ހަރުކަށި އަދަބު ދެމުން ގެންދާކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނާއި ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ކުރިއަށް ގެންދިޔަ ފޯރަމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އިހުސާން ވިދާޅުވީ ފުވައްމުލަކުގައި ހިންގަމުން ދިޔަ ޑްރަގް ކެފޭތައް ހުއްޓުވާ އެކަންކަން ކުރަމުން އައި މީހުން ހިފާ ހައްޔަރުކޮށްފައި ވާކަމަށާއި، އަދި އެންމެ އިސްކޮށް ތިބި މީހުން، މަނީ ލޯންޑްރިންގެ ކުށުގައި ހައްޔަރުކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު މިހާރު ދެމުން ދާ ކަމަށެވެ.
އިހުސާން ވިދާޅުވީ މިދިޔަ އަހަރު މި މަސައްކަތުގެ ދަށުން ޏ އަތޮޅު ފުވައްމުލަކުގެ ޑްރަގު ނެޓްވޯކްތައް އެއްކޮށްހެން ނައްތާލެވިފައި ވާއިރު މި އަހަރުވެސް މި އޮޕަރޭޝަން އަތޮޅު ތެރޭގައި ހިންގާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ އޮކްޓޫބަރު 20 ވަނަ ދުވާހާ ހަމައަށް 328 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ އަތުލައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އިހްސާން ވަނީ ވިދާޅުވެފައެވެ. އެގޮތުން މި މުއްދަތުގައި 177 ކިލޯގްރާމްއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި 8،300 އަށްވުރެ ގިނަ ބަނގުރާ ފުޅި އަދި ދަޅު އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތީގެ މަގުމަތީގެ އަގު 328 މިލިއަންވުރެ މައްޗަށް އަރާކަމަށް ވަނީ ވިދާޅުވެފައެވެ.
މި މުއްދަތުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅޭ 335 މައްސަލަ ތަހުގީގުކޮށް ނިންމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށާއި އަދި މާލެއާއި އަތޮޅު ތެރޭގައި 155 އޮޕަރޭޝަން ހިންގާފައި ވާއިރު، 12،000 އަށްވުރެ ގިނަ ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށް ވެސް އިހްސާން ވަނީ ވިދާޅުވެފައެވެ.
އިހްސާނު ވިދާޅުވީ މި ކަމުން އަންގައިދެނީ ރާއްޖޭގެ މާހައުލުގައި މަސްތުވާތަކެތީގެ މައްސަލަ އޮތް މިންވަރު ކަމަށާއި އަމާޒަކީ މި ދައުރުގައި މިކަމަށް ދާއިމީ ހައްލެއް ހޯދުން ކަމަށެވެ.