މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގައި ފެބްރުއަރީ 4 ވަނަ ދުވަހު ހިންގި މާރާމާރީއާއި ގުޅިގެން ނޭޕާލްގެ 24 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ސިދާތް ގުރުންގް ކިޔާ ނޭޕާލްގެ 24 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގައި މާރާމާރީ ހިނގައިގެން އުޅޭ ކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ފެބްރުއަރީ 4 ވަނަ ދުވަހުގެ މެންދުރު 12:10 ހާއިރު ކަމަށެވެ.
މި މާރާމާރީ ހިނގާފައިވަނީ ކެފޭއެއްގައި ކައްކާ ނޭޕާލު މީހަކާއި އެތަނުގެ ހޭލްޕަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ބަންގްލަދޭޝް މީހަކާ ޖެހުނު މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރީގައި އަނިޔާވި ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އިތުރަށް ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.
މީގެއިތުރުން ހަމައެދަުވަހު އައިޖީއެމްއެޗް ކައިރީގައި ހުރި މީހަކަށް ސައިކަލުގައި ދިޔަ ދެ މީހަކު ވަނީ މަރުތޭލަކުން ހަމަލާދީ މާރާމާރީ ހިންގާފައެވެ. ފަހަކަށް އައިސް މާލެ ސަރަހައްދުގައި މާރާމާރީތައް މިވަނީ އާންމުވެފައެވެ.