ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށްލާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ހުށަހަޅުއްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް 35 ބިލު ހުށަހެޅި، 30 ބިލެއް ފާސްކުރެވުނު ކަމަށާއި، އޭގެ ތެރޭގައި 21 ގާނޫނަކަށް އިސްލާހުގެނައުމުގެ ބިލަކާއި މުޅިން އާ އަށް ބިލަކާއި، ގާނޫނުއަސާސީ އަށް އިސްލާހުތަކެއް ގެނައުމުގެ އެއް ބިލު ހިމެނޭ ކަމަށެވެ.

އެއާއެކު މި އަހަރު ސަރުކާރުން ހުށަހަޅާނެ ބައެއް ބިލުތަކަށް ވެސް ރައީސްގެ ބަޔާނުގައި އަލިއަޅުވާލެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން
  • ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުން
  • ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފެށޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުން
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުން

މީގެ އިތުރުން ގާނޫނުއަސާސީ އަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ތެރެއިން އާންމުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާން ޖެހޭ ކަންކަމުގައި ވޯޓު ނެގޭނެ ގޮތުގެ ގާނޫނީ އޮނިގަނޑެއް ގާއިމްކުރުމަކީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތުގެ މުހިންމު ބައެއް ކަމަށާއި، އެހެންވެ އާންމުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއް މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ސަރުކާރުން ހުށަހަޅަން ގަސްދުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދިވެހިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އަލަށް އެކުލަވާލެވޭ ބިމުގެ ބިލަކާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާއި ބޯހިޔާވަހިކަމުގެ ބިލުގެ އިތުރުން، ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ ހިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ބިލު މިފެށޭ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންޓި ކޮރަޕްޝަންގެ ގާނޫނެއް ސަރުކާރުން ހުށަހަޅައި، ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތައް ވެސް މި އަހަރުގެ ތެރޭ ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ.