ގާޒާ ބިމަކީ ފަލަސްތީނުގެ މިލްކެއް ކަމަށާއި، އެހެން ގައުމުތަކުގެ ބިންތައް ހިފުމާއި ފުރާނަޔަށް ގެއްލުން ދިނުން ފަދަ ޖަރީމާތައް ރާއްޖެއިން ބަލައިނުގަންނާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފަލަސްތީނުގެ ޣައްޒާއިން އެ ތަނުގެ މީހުން ބާލައި އެމެރިކާގެ ދަށަށް ޣައްޒާ ގެންދަން އެމެރިކާގެ ރައީސް ޑޯނާލްޑް ޓްރަމްޕް ހުށަހަޅުއްވާފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނަންވާނީ ދިވެހި ދައުލަތުގެ ސިޔާދަތީ މިނިވަންކަމަށް ބުރޫ ނާރާނެ ހެން ކަމަށާއި، އެގޮތުން ރާއްޖެއަށް ކުރިއެރުން ލިބޭ ހުރިހާ ގައުމަކާ އެކު ގުޅުން ބަދަހިކުރެވެން ވާނެ ކަމަށާއި، އަވަށްޓެރި ގައުމުތައް އަބަދު ވެސް މުހިންމު ވާނެ ކަމަށެވެ.
ރާއްޖެއިން އަބަދުވެސް އިސްކުރާނީ އަމާންކަން ކަމަށާއި، އެހެން ގައުމުތަކުގެ ބިންތައް ހިފައި، އެ ބިންތަކުގެ ރައްޔިތުންގެ ފުރާނައަށް ގެއްލުން ދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ރާއްޖެއިން ބަލައިނުގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް އެ އިޝާރާތްކުރެއްވީ ޣައްޒާގައި ތިބި މީހުން ހުސްކުރުމަށް ހުށަހެޅުއްވި ހުށަހެޅުމަށެވެ.
މީގެ އިތުރުން ފަލަސްތީނާ އެކު ތިބިކަން ހާމަކުރައްވައި ރައީސް ވަނީ ރާއްޖެއިން ކުރި ބައެއް މަސައްކަތްތަކުގެ ތަފްސީލު ވެސް ހިއްސާކުރައްވައިފައެވެ. އޭގެ ތެރޭގައި އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ބައިނަލްއަގުވާމީ ކޯޓަށް ހުށަހެޅި މައްސަލައަށް ރާއްޖެއިން ތަދައްހުލުވުމަށް ނިންމައި، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި، އދ އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެކި ގައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިޒްރޭލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން ބައިނަލްއަގުވާމީ ކޯޓުގެ ލަފައަކަށް އެދި މިދިޔަ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އދ ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރު ރާއްޖެއިން ކޯ ސްޕޮންސާ ކުރި ކަމަށް ވިދާޅުވިއެވެ.
"ޣާއްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް. ޣައްޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން އަބަދު ވެސް ވަކާލާތުކުރާނީ 1967 ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ގަބޫލުކޮށް، ފަލަސްތީންގެ ވަކި ދައުލަތެއް އުފެއްދުމަށް ކަމަށާއި، އެ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ފަލަސްތީނުގެ ރައްޔިތުންނަށް މި ސަރުކާރުން ދޭނެ ކަމަށެވެ.