މި އަހަރު ރާއްޖޭގެ އިގްތިސޯދު 6.4 ޕަސެންޓުން ކުރިއަރައި ދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި، ރަސްމީ ރިޒާވް 700 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ވޭތުވެދިޔަ އަހަރަށް ވުރެ މި އަހަރު އިގްތިސޯދީ ކުރިއެރުން ހަލުވިވާނެ ކަމަށާއި އެގޮތުން މި އަހަރު 6.4 ޕަސެންޓުން އިގްތިސޯދު ކުރިއަރައި ދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި:

  • މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައި ހުރީ 673.2 މިލިއަން ޑޮލަރު
  • 2023 ވަނަ އަހަރު ހުރީ 590.5 މިލިއަން އެމެރިކާ ޑޮލަރު
  • މި އަހަރު ނިމޭއިރު ރިޒާވް 705.1 މިލިއަން ޑޮލަރަށް އިތުރުވާނެ

ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި މިދިޔަ އަހަރު މުހިންމު ފިޔަވަޅުތަކެއް އެޅުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބޭރު ފައިސާ އާ ބެހޭ ގާނޫނެއ އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެ ކަމަށާއި، އަދި، އަންނަ އަހަރުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އެތެރެކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ވެލާނާ އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެ ގުނަ ކޮށް، ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓުތައް 1،400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.