މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 34 އަހަރުގެ، ޏ. ފުވައްމުލައް، ފުނާޑު / އުޑުވިލާގެ، އަލީ ހަސަން އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ ހެންވޭރު، ރޯޝަނީ ގޯޅިން މިއަދު ފުލުހުން ޕެޓްރޯލު ކުރަމުން ދިޔަ އިރު ތުހުމަތު ކުރެވިގެން ހުއްޓުވައި އޭނާ ބަލައި ފާސްކުރުމަށް ފަހުގައި ކަމަށެވެ. އޭނާ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 44 ރަބަރު ޕެކެޓާއި ދެ މޯބައިލް ފޯނުގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް ފެނުނު ފައިސާގެ އަދަދު ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.