އުމްރާއަށް މީހުން ގެންދާކަމަށް ބުނެ އޮޅުވާލި މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕުން ބަދަލުގެ ގޮތުގައި ފަސްލައްކައަށްވުރެ ގިނަ ފައިސާ ހޯދަން ދައުވާކޮށްފިއެވެ.

މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫފްއިން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ، މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ހިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގައި ޕީޖީ އިން ދައުވާ އުފުލާފައިވަނީ މ. ހަވީރީފިނި، އަލީ ފާރިޝްގެ މައްޗަށެވެ. ފެބްރުއަރީ 5، 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ފާރިޝްގެ މައްޗަށް 7 ދައުވާއެއް ވަނީ ކޮށްފައެވެ. އެގޮތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެކުމުގެ ކުށުގެ 6 ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.

ޕީޖީން ބުނީ އަލީ ފާރިޝްގެ މައްޗަށް މި ދައުވާކޮށްފައިވަނީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްއަށް 2024 ވަނަ އަހަރު ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު އުމްރާއަށް ގެންގޮސްދޭނެކަަމަށް ބުނެ، ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ މީހުން އުމްރާއަށް ގެންގޮސްދީފައިނުވާތީ އާއި، އެ ފައިސާ އަނބުރައި ރައްދުކޮށްދީފައިނުވާތީ ކަމަށެވެ.

މީގެ އިތުރުން އަލީ ފާރިޝްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްއަށް 2024 ވަނަ އަހަރު ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު އުމްރާއަށް ގެންގޮސްދޭނެކަަމަށް ބުނެ، ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ ފައިސާ ޓެކުމަކުން އެމީހުން އަތުން ނިގުޅައިގަނެފައިވާކަމަށެވެ. އަދި އެ ފައިސާ، އަލީ ފާރިޝްގެ އަމިއްލަ އެކައުންޓުތަކާއި، އޭނާގެ ހިއްސާ އޮންނަ ޓްރިއަރ ޕްރައިވެޓް ލިމިޓެޑްއާއި، ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑާކޮށްފައިވާކަމަށެވެ.

އަލީ ފާރިޝް ލޯންޑާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072 ދިވެހި ރުފިޔާއާއި، 8،100 އެމެރިކާ ޑޮލަރުކަމަށް ޕީޖީން ވަނީ ބުނެފައެވެ. މި ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އަލީ ފާރިޝް އަތުން މި ފައިސާ ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފައެވެ. މި މައްސަލައިގައި ދައުވާކޮށްފައިވާނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިންކަމަށް ޕީޖީން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ގްރޫޕެއް ގޮތުގައި އުމްރާއަށް ދިއުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކި މީހުން ހިމެނޭކަމަށް ޕީޖީން ވަނީ ބުނެފައެވެ.