އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، މިރޭ 08:41 ހާއިރު އައިޖީއެމްއެޗް ކައިރީގައި ހުރި މީހަކަށް ސައިކަލުގައި ދިޔަ ދެ މީހަކު ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ.
އަނިޔާވީ ފިރިހެނަކަށް ކަމަށާއި އެމީހާ ފަރުވާ ދިނުމަށް ވަގުތުން އައިޖީއެމްއެޗަށް ވައްދައި ފަރުވާ ދޭން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވި މީހާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު ފުލުހުން ބުނީ ހަމަލާ ދީފައި ވަނީ މަރުތޭލަކުންނެވެ.
މި މައްސަލާގައި އަދި ބަޔަކު ހައްޔަރު ކޮށްފައި ނުވާއިރު ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގައި މާރާމާރީތައް އާންމުވެފައިވާއިރު މިއަދު މެންދުރު ވެސް ތާސިރު ކެފޭގައި ބިދޭސީންތަކެއްގެ މެދުގައި ނުރައްކާތެރި މާރާމާރީއެއް ހިނގައި، އެކަކުގެ ހާލު ވަރަށް ބޮޑަށް ސީރިއަސް ވެފައިވެ އެވެ. އެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.