ރިޔާސީ ބަޔާން އިއްވާ ދުވަހު އިދިކޮޅު މައި ޕާޓި، އެމްޑީޕީން މަޖިލިސް ކައިރިއަށް އެއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

ރިޔާސީ ބަޔާނަކީ އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާ ކުރާ ދުވަހެވެ. ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މި ބަޔާން އިއްވަން ޖެހޭނީ ކޮންމެ އަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ. އެޖަލްސާގައި އޮންނާނީ ހަމައެކަނި ރިޔާސީ ބަޔާން އިއްވުން ކަމަށްވާއިރު މަޖިލީހުގެ ރަސްމީ މަސައްކަތްތައް ފަށަނީ އޭގެފަހުން ބާއްވާ ޖަލްސާތަކުގައެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުަމށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހަށް ކަމަށްވާއިރު އެމްޑީޕީން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ ރިޔާސީ ބަޔާން އަޑުއަހަން އެންމެން މަޖިލިސް ދޮށަށް އެއްވުމަށް އެދިފައެވެ. ނަމަވެސް ވަކި ގަޑިއެއް އެ ޕާޓީން ހާމަކޮށްފައި ނުވެއެވެ.

ނިމިދިޔަ އަހަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވި ފުރަތަމަ ރިޔާސީ ބަޔާނެވެ. ނަމަވެސް އެ ޖަލްސާ އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ވަނީ ބޮއިކޮޓުކޮށްފަ އެވެ. އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ 43 މެންބަރުންނާއި ޑިމޮކްރެޓުންގެ 13 މެންބަރުންނާއެކު ޖުމްލަ 56 މެންބަރުން ވަނީ ޖަލްސާ ބޮއިކޮޓު ކޮށްފައެވެ. އެއީ ރުހުން ނެތް ވަޒީރުންތަކެއް، ވަޒީރުންގެ ނަމުގައި ޖަލްސާއަށް ހާޒިރުވާކަމަށް ބުނެ އެވެ.

މީގެ ކުރިން ވެސް އެމްޑީޕީން ވަނީ މަޖިލިސް ދޮށަށް އެއްވެފައިވާއިރު އޭރު މަޖިލިސް ދޮށަށް އެއްވެފައި ވަނީ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބިދޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި ދުވަހާއި ފުލެޓާއި ގޯތި ލިބުން ލަސްވުމާ ގުޅިގެންނެވެ. އޭގެން ކޮންމެ ފަހަރަކު ވެސް ފުލުހުން ވަނީ އެއްވުންތަކަށް ހުރަސްއަޅާފައެވެ.

އަންނަ ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވަން އެމްޑީޕީން ނިންމާފައިވާއިރު މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް އެ ޕާޓީން ވަނީ މާލޭގެ މަގުތަކަށް ނުކުމެ ސުލްހަވެރި މުޒާހަރާއެއް ކޮށްފައެވެ. "ފުދިއްޖެ"، "ފުނޑިއްޖެ" ނަމުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ އެ ބޮޑު ހިނގާލުމަށް ފުލުހުން ވެސް ހުރަސް އަޅާފައި ނުވާއިރު އެއްވެސް ހަމަނުޖެހުމެއްވެސް ހިނގާފައި ނުވެއެވެ.