ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އޮފީހެއް ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާންއެއްގައި ބުނީ، ފަސް އަހަރު ދުވަހަށް އޮފީސް އިމާރާތެއް ކުއްޔަށް ދޫކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ބީލަށް ހުށަހެޅުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގެ ދަށުން ކަމަށާއި އެ ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 252،000 ރުފިޔާ ހުށަހަޅަން ޖެހޭ ކަމަށް އެ އިއުލާނުގައި ވެއެވެ. އެ ޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް މި މަހުގެ 16ގެ ކުރިންނެވެ. އަދި ބީލަން ހުޅުވުން ތާވަލުކޮށްފައި އޮތީ މި މަހުގެ 17 ވަނަ ދުވަހަށެވެ.

މިދިޔަ އަހަރު ފަހުކޮޅު ވެސް އެންސްޕާއިން އޮޕީސް އިމާރާތެއް ވަނީ ކުއްޔަށް ނަގާފައެވެ. ނަމަވެސް ކުއްޔަށް ހިފި އިމާރާތެއްގައި, މޯލްޑިވްސް މީޑިއާ ހައުސްގެ މޯލްޑިވްސް މީޑިއާ ޓީވީ (އެމްއެމްޓީވީ) ހިންގާކަމުގެ އަޑުތަކެއް ފެތުރި މައްސަލަަ ހޫނުވުމުން އެ އިމާރާތް ކުއްޔަށް ހިފި އެއްބަސްވުން ވަނީ މިދިޔަ ޑިސެމްބަރު މަހު ބާތިލްކޮށްފައެވެ.

އޭރު އަޑު ފެތުރުނު ގޮތުން އެންސްޕާ ހިންގަން މޯލްޑިވްސް މީޑިއާ ހައުސްއިން ކުއްޔަށް ނެގީ ހަތަރު ފްލޯ އެވެ. ނަމަވެސް އޭގެން ދެ ފްލޯގައި ހިންގަނީ އެމްއެމްޓީވީ އެވެ. އެންސްޕާއިން އޭރު ބުނީ އެ އިދާރާ ހިންގަން އޮފީސް އިމާރާތް ކުއްޔަށް ހިފަން ބީލަމަށް ހުޅުލާއި އެވޯޑްކުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އުސޫލާ އެއްގޮތަށް ކަމަށާއި އަދި މޯލްޑިވްސް މީޑިއާ ހައުސްއިން އެތަން ކުއްޔަށް ހިފުމުގެ މަސައްކަތްކުރި ކަމަށެވެ.

މިހާރު އެންސްޕާ ހިންގަމުންދަނީ މޫކައި ސުއިޓްސް ގައެވެ. ނަމަވެސް، އެ އިމާރާތް ވަރަށް ބޮޑަށް ބާވެފައިވާތީ، އާ އޮފީހަކަށް ބަދަލުވުމުގެ ބޭނުން ޖެހިފައިވާ ކަމަށް އެންސްޕާއިން މީގެ ކުރިން ބުނެފައި ވެއެވެ.