ބަންދު ފޯރަމުގައި ހުށަހެޅި ކަންތައްތައް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގެ ކުރިން ޖުޑިޝަރީއާ މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި "ބަންދު ފޯރަމް" ގައި، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދުމަށް ވަނީ މަޝްވަރާކޮށްފައެވެ.
މި ފޯރަމްގައި ބައިވެރިވި އިދާރާތަކުން އެއްބަސްވި އެއް ކަމަކީ، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް، ބަންދުކުރެވޭ މީހުންގެ މައްސަލަތަކުގައި ޝަރީއަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަން އެ ފޯރަމްގައި ވަނީ ފާހަގަކޮށްފައެވެ.
އަދި ހަމައެހެންމެ ކޯޓުތަކުގައި ޖިނާއީ މައްސަލަތައް އަވަސްކުރުމަށްޓަކައި އެހީތެރިކަން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރިއެވެ. މީގެ ތެރޭގައި، ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގައި ގާއިމުކޮށްފައިވާ ވީޑިއޯ ކޮންފަރެންސިން ސިސްޓަމްތައް އިތުރުކުރުމުގެ އިތުރުން ކޯޓުތަކުގެ އަޑުއެހުންތައް އޮންލައިން ޝެޑިއުލިންގް ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ވަނީ ހިޔާލު ބަދަލު ކޮށްފައެވެ.
"ބަންދު ފޯރަމް" ގެ ފުރަތަމަ ބައި ކުރިއަށް ގެންދިޔައީ ޖުޑީޝަރީ ފިޔަވައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެހެނިހެން އިދާރާތަކާ އެކުގައެވެ. މި ފޯރަމްގެ ދެވަނަ ބައި ކުރިއަށް ގެންދާނީ ޖުޑީޝަރީއާ އެކުގައެވެ. ފުރަތަމަ ބައިގައި ހޯދުނު ހޯދުންތަކާއި ހުށަހެޅުނު ހައްލުތައް ޖުޑީޝަރީއަށް ހުށަހަޅައި، އިތުރަށް މަޝްވަރާކުރުމަށްފަހު، ޖުޑީޝަރީގެ ބައިވެރިވުމާއެކު އެ ކަންކަން ތަންފީޒުކުރުމަށް ސަރުކާރަށާއި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޕީޖީން ބުނެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މި ކަންކަން ތަންފީޒުކުރެވެމުންދާ މިންވަރު ބަލައި، ފާރަވެރިވަމުން ގެންދާނެކަމަށް ވަނީ ހާމަކޮށްފައެވެ. މި ފޯރަމްގެ ސަބަބުން ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް އަވަސް ޙައްލެއް ލިބި، ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.