ފުލުހުންގެ ފްލެޓް މަޝްރޫއާ ގުޅޭ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕޮލްކޯއަށް ވަދެއްޖެއެވެ.ފުލުހުންގެ ހައުސިން ޕްރޮޖެކްޓް ކަމަށްވާ "ބްލޫސް ހައުސިން ސްކީމް" މަޝްރޫއަކީ ދިވެހި ފުލުހުންގެ ހިދުމަތުން ފުލުހުންގެ ވެލްފެއާ ކަންތައްތައް ކުރިއަރުވަން އުފައްދައި ހިންގަމުން އަންނަ ޕޮލްކޯ އާ ހަވާލުކޮށްގެން އެ ކުންފުނިން މެނޭޖްކޮށް، ކުރިއަށް ގެންދިޔަ ގެދޮރުވެރިކަމުގެ މަޝްރޫއެކެވެ.ހުޅުމާލޭ 1 ގައި އިމާރާތްކުރި މި ފްލެޓް މަޝްރޫއުއާ ގުޅިގެން ހަދާފައިވާ އޮޑިޓުގައި ބުނީ ފްލެޓް މަޝްރޫއުއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުކޮށްފައި ވާއިރު 355 މިލިއަނުގެ ގެއްލުން ވެފައިވާ ކަމަށެވެ.އަދި ހަމައެހެންމެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބޮޑެތި ބަދަލުތައް ގެނައުމާއި ކޮންޓްރެކްޓަރުން ނިންމާ މަސައްކަތްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވާ ކަމަށްވެސް އެ އޮޑިޓް ރިޕޯޓުގައި ވެއެވެ. އެ މައްސަލަ އޭސީސީން ބަލަމުންދާއިރު ފުލުހުން ވެސް ވަނީ ޕޮލްކޯ ފްލެޓްތަކާ ގުޅޭ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް އޭސީސީން ހަރަކާތްތެރިވާކަން ކަށަވަރުކޮށްދީފައެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ، ޕޮލްކޯއަށް ވަދެފައި ވަނީ ފުލުހުންގެ ފްލެޓުތަކުގައި ކޮރަޕްޝަން އެކުލެވޭ މައްސަލައާ ގުޅުންހުރި ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ. ފުލުހުންގެ ފްލެޓް މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 13 ބުރީގެ 3 ޓަވަރުގެ ކޮންސްޓްރަކްޝަން މަސައްކަތް 2013 ވަނަ އަހަރު ހަވާލުކުރީ ނޫމަޑި އާ އެވެ. އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެގްރިމެންޓް ޖެނުއަރީ 27، 2016 ގައި ބާތިލް ކުރި އެވެ.ދެން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދެވުމުން އެއްބަސްވުން އުވާލީ އެވެ. އޭގެ ފަހުން އެ ފްލެޓްތަކުގެ މަސައްކަތްކުރީ އަަމީން ކޮންސްޓްރަކްޝަނުންނެވެ. އެކަމަކު 2022 ގައި އެ މަޝްރޫއު އެއްކޮށް ނިންމަން އޮތަސް ފަހުން ނިންމީ މުއްދަތު އިތުރުކޮށްދީގެންނެވެ.