އެކި ގައުމުތަކާއެކު މިނިވަން ވިޔަފާރރީގެ އެއްބަސްވުންތައް ރާއްޖެއިން ހަދަމުން ދާ އިރު، ޗައިނާ އަދި ތުރުކީގެ އެއްބަސްވުމާ ހެދި ސަމާލުވާން އިންޑިއާ އިން ރާއްޖެއަށް އަންގައިފިއެވެ.
އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ރަންދީރު ޖައިޝްވާލް އާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ، ރާއްޖެއިން ޗައިނާ އަދި ތުރުކީ އާ އެކު ހަދާފައި ވާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކަކީ އެކަމުގެ ސަބަބުން ދުރުތާސްތާގައި ރާއްޖޭގެ އާމްދަނީ ދަށަށް ދާނެ ކަމެއް ކަމަށާއި އެއީ އިންޑިއާ އިން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ ސަބަބުން އަސަރު ކުރާ އިރު ސަރަހައްދީ އިގްތިސޯދަށް ވެސް އަސަރު ކުރާނެ ކަމަށާއި އެހެން ކަމުން ރާއްޖެއާ މެދު އިންޑިއާއިން އަމަލު ކުރާނެ ގޮތުގެ ސިޔާސަތުތައް އެކުލަވާލާއެކު އެކަމަށް ވިސްނުން ގެންގުޅޭނެ ކަމަށެވެ.
"އަހަރެމެން ސިޔާސަތުތައް އެކުލަވާލާއިރު އެފަދަ އެގްރީމެންޓްތަކަށް ބަލާނަން، އެއީ އެކަމުގެ ސަބަބުން އިގުތިސޯދަށް އަސަރުތަކެއް ކުރާނެތީ"
އިންޑިއާ އިން އިންޒާރެއްގެ ގޮތުގައި ސަމާލުވުމަށް މި ވާހަކަ ދައްކާފައި ވާ އިރު، ރައީސުލްޖުމްހޫރިއްޔާ މިދިޔައަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އިންޑިއާ އިން ރާއްޖެއަށް ދޭ އެހީ ވަނީ އިތުރު ކުރާކަން އިއުލާން ކޮށްފައެވެ. އަދި އެ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އިންޑިއާ އިން ރާއްޖެއަށް ކަރަންސީ ސްވޮޕްގެ ގޮތުގައި ދޭ 400 މިލިއަން ޑޮލަރުގެ އިތުރުން 30 ބިލިއަން ރުޕީސް ނުވަތަ 340 މިލިއަނެއްހާ ޑޮލަރުގެ އެހީދޭނެކަން ހާމަ ކުރުމުން އިންޑިއާއަށް ޝުކުރު އަދާކުރައްވާއެވެ.
ރާއްޖެއިން ޗައިނާ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދީ 2018 ގައެވެ. އެ އެއްބަސްވުމަށް މިއަހަރު ފެށުމާއެކު ވަނީ އަމަލުކުރަން ފަށާފައެވެ. ރާއްޖެއިން ތުރުކީ އާއެކުވެސް މިފަދަ އެއްބަސްވުމެއް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ހަދާފައި ވެއެވެ.