އިންދްރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސާޖަރީތައް ހުއްޓާލާފައިވާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ހަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗް އިން ވަނީ ހޮސްޕިޓަލުގެ އެއްވެސް ސާޖަރީއެއް ނުހުއްޓޭ ކަމުގެ ޔަގީންކަން އަރުވާކަމަށާއި، އާއްމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް މިފަދަ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށް އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އައިޖީއެމްއެޗްގެ އޮޕަރޭޝަންތަކަށް ބޭނުންކުރާ މުހިންމު ކޮންސިއުމަބަލްތަކުގެ ސްޓޮކް ހުސްވެފައިވާ ކަމަށް ބުނެފައެވެ. އެހެންކަމުން ކުއްލި ހާލަތުގައި ކުރަން ޖެހޭ އޮޕަރޭޝަންތައް ފިޔަވާ އެހެން އޮޕަރޭޝަންތައް ކުރުން ހުއްޓައިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ބުނެފައެވެ.
އައިޖީއެމްއެޗް އިން ވަނީ އޮޕަރޭޝަންތަކަށް ބޭނުންވާ ކޮންސިއުމަބަލް ވެސް ސްޓޮކުގައި އެބަހުރި ކަމަށް ބުނެފައެވެ.
އެއާއެކު އައިޖީއެމްއެޗް އިން ވަނީ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައެވެ.