ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެ މަގާމު މިނިސްޓްރު ތޯރިގާ ހަވާލުކުރައްވާފައެވެެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވާރަންމަންޓްގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި ތޯރިގް އިބްރާހީމް ވަނީ ހުވައި ކުރައްވާފައެވެ.
ދެ މިނިސްޓްރީ އެއްކޮށްލުމުން، އެ މިނިސްޓްރީގެ ނަމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް، އެންޑް، އެންވާރަންމަންޓް އެވެ.
ޓޫރިޒަމް މިނިސްޓަރަކަށް ތޯރިގް އައްޔަން ކުރައްވާފައިވާއިރު މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވަނީ އެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް މަގާމުން ވަކިކުރައްވާފައެވެ. ފައިސަލް ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވާއިރު އެއީ މި ސަރުކާރަށް ރައީސް އައްޔަންކުރެއްވި ވަޒީރުންގެ ތެރެއިން އެމަނިކުފާނު ވަކިކުރެއްވި ފުރަތަމަ ވަޒީރެވެ.
ފައިސަލް ވަކިކުރުމާއެކު ޓޫރިޒަމް މިނިސްޓްރީގެ ކަންކަން ވަގުތީ ގޮތުން ބަލަހައްޓަވާފައޮވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.