ކީރިތި ޤުރުއާނަކީ މުއުޖިޒާތެއްގެ ގޮތުގައި މި އުއްމަތުގެ ނަބިއްޔާ މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމް އަށް ބާއްވާލެއްވި މާތް ފޮތަކަށްވާ އިރު އެއީ އިސްލާމް ދީނުގެ އެއް ތަނބެވެ. ޤިޔާމަތަށް ދާންދެން މުސްލިމުންނަށް އަލިމަގު ދެއްކެވުމަށް މާތް ﷲ ސުބަހާނަހޫވަތައާލާ ބާއްވާލެއްވި އެފޮތުގައި ދީނުގެ އެކި އެކި އަސާސްތަކާ އެކި އެކި ހުކުމްތަކުގެ އިތުރުން ސުވަރުގޭގެ ނިއުމަތްތަކާ ނަރަކާއިގެ ބިރުވެރިކަން ބަޔާންކުރައްވާފައިވެއެވެ.

ޖުމްލަ 114 ސޫރަތުގެ މައްޗަށް ބިނާވެފައިވާ ޤުރުއާނުގެ ކޮންމެ އާޔަތަކީ ވެސް މާނައިން ފުރިގެންވާ އާޔަތެކެވެ. މާނައަކީ ޤުރުއާނުގައި ހިމެނޭ 6،236 އާޔަތުން ވެސް މުސްލިމުންނަށް ފިލާވަޅުތައް ލިބޭ އިރު ކޮންމެ ސޫރަތަކީ ވެސް ވަކި ކަމަކަށް ބާއްވާލެވުނު ސޫރަތްތަކެވެ. މި ލިޔުމުގައި ބަލާލާނީ ޤުރުއާނުގައި ހިމެނޭ އެންމެ މުހިއްމު އެއް ސޫރަތް ކަމަށްވާ ސޫރަތުލް ބަޤަރާއިން ލިބޭ ފިލާވަޅުތަކަށެވެ.

ސޫރަތުލް ބަގަރާ

ކީރިތި ޤުރުއާނުގެ ދެވަނަ ސޫރަތް ކަމަށްވާ ސޫރަތުލް ބަގަރާއަކީ ޤުރުއާނުގައި ހިމެނޭ އެންމެ ދިގު ސޫރަތެވެ. ޖުމްލަ 286 އާޔަތް ހިމެނޭ މި ސޫރަތް ބާއްވާލެވުނީ މަދީނާގައެވެ. މި ސޫރަތުގައި ދީނުގެ އެކި ކަންކަމާ ގުޅޭ ފިލާވަޅުތަކާ ހުކުމްތައް ހިމެނެއެވެ. މިގޮތުން، ޝަރުއީ ހުކުމްތަކާ އިޖްތިމާއީ އަދުލްއިންސާފާ، އަމިއްލަ ފަރުދުންގެ ޒިންމާތަކާ ހެވާ ނުބައިގެ އިތުރުން ކުރީގެ ރަސޫލުންގެ ހަޔާތްޕުޅުތަކުން މުސްލިމުން ނަގަން ޖެހޭ ފިލާވަޅުތައް ވެސް ބަޔާން ކުރައްވާފައިވެއެވެ.

ސޫރަތުލް ބަގަރާގައި އާޔަތުލް ކުރުސީ ވެސް ހިމެނޭ އިރު މިއީ މާތް ﷲ ގެ އެއްކައުވަންތަކަމާ އެކަލާނގެ ހުސްތޯހިރުވަންތަކަން އަންގައިދޭ މުހިއްމު އާޔަތަކެވެ. އަދި ޝައިތާނާއާ އެންމެހާ ނުބައި ކަންކަމުން ސަލާމަތްވުމަށް މުސްލިމުންނަށް ލިބިފައިވާ އައްޑަނައެވެ. މީގެ އިތުރުން، ބަގަރާ ސޫރަތުގައި ނަމާދު ކުރުމާ، ރޯދަ ހިފުމާ، ޒަކާތް ދިނުމާ، ހައްޖު އަދާކުރުމުގެ އިތުރުން ކައިވެނި އަދި މާލީ މުއާމަލާތްތަކާ ބެހޭ މުހިއްމު އިރުޝާދުތައް ވެސް ހިމެނެއެވެ.

ސޫރަތުލް ބަގާރާގައި ހިމެނޭ މުހިއްމު ފިލާވަޅުތަކުގެ ތެރޭގައި؛

ކީރިތި ޤުރުއާނަކީ އިލާހީ އިރުޝާދެއްގެ ގޮތުގައި ބަލައިގަތުން

ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމްގެ ފަރާތްޕުޅު އެކަލޭނގެ ފާނުގެ އުއްމަތަށް ލިބުނު އެންމެ އަގުހުރިި ދެ އެއްޗަކީ ކީރިތި ޤުރުއާނާ މާތް ރަސޫލާގެ ސުންނަތެކެވެ.

ކުޑަ ކުއްޖަކު ކީރިތި ޤުރުއާން ކިޔަވަނީ

ކީރިތި ޤުރުއާނަކީ މުސްލިމުންނަށް ހެވާ ނުބަޔާ ވަކި ކުރަން ދަސްކޮށްދޭ އަދި ސީދާ ވެގެންވާ ތެދުމަގަށް އަލިކޮށްދޭ ދަންމަރެކެވެ. ޤުރުއާނުގެ މުހިއްމުކަން ސޫރަތުލް ބަގަރާގައި އެކި ފަހަރު މަތިން ބަޔާންކޮށްފައިވާ އިރު އެ ސޫރަތުގެ ދެވަނަ އާޔަތުން ވެސް މިކަން ސާބިތުވެއެވެ. މާތް ﷲ ވަހީކުރައްވަނީ:

ذَٰلِكَ ٱلۡكِتَٰبُ لَا رَيۡبَۛ فِيهِۛ هُدٗى لِّلۡمُتَّقِينَ

މާނައީ: މިއީ އެފޮތެވެ. އެފޮތާ މެދަކު ޝައްކެއް ނެތެވެ. މިފޮތަކީ ތަޤްވާވެރިންނަށް ހުރި ހިދާޔަތެކެވެ.

ޣައިބަށް އީމާންވުމާ އާހިރަތަށް އީމާންވުން

ގައިބަށް އީމާންވުމަކީ އީމާންކަމުގެ މުހިއްމު އެއް ރުކުނެވެ. މިކަމަކީ ހެޔޮ އަމަލުތަކަށް ބާރު އަޅާ ކާމިޔާބީއަށް ވާސިލްވުމަށް އެހީވެ އެމީހަކު އަމިއްލައަށް އޭނާގެ އަމަލުތަކާ މެދު ސަމާލުވާން ދަސްކޮށްދޭ ކަމެއް ވެސް މެއެވެ. ގައިބަށް އީމާންވުމަކީ މުސްލިމެއްގެ ގައިގައި ހުރުން އެންމެ ލާޒިމް އެއްސިފައަށްވާ އިރު ބަގާރާ ސޫރަތުގެ ތިން ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވަނީ:

ٱلَّذِينَ يُؤۡمِنُونَ بِٱلۡغَيۡبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ

މާނައީ: އެއުރެންނީ، ގައިބަށް އީމާންވާ، އަދި ނަމާދު ގާއިމުކުރާ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިންހޭދަކުރާ މީހުންނެވެ.

ޖައްވުން ދުނިޔެ ފެންނަ ގޮތް/ފޮޓޯ: ގޫގަލް

ގައިބަށް އިމާންވާ ފަދައިން އާހިރަތަށް އިމާންވުމަކީ ވެސް މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އާޚިރަތުގެ މައްޗަށް ފަސްނުޖެހޭ މިންވަރަށް އީމާންތެރިވުމަކީ ލޮލުގެ ކުރިމައްޗަށް ފެންނަ ފަދައިން ސާފުކޮށް އެކަމަށް އީމާންވުމެވެ. މިކަން ސޫރަތުލް ބަގަރާގެ 4 ވަނަ އާޔަތުގައި މާތް ﷲ ބަޔާންކުރައްވާފައިވާ އިރު އެކަމުން ދޭހަވަނީ ތިމާގެ އަމަލުތަކަށް މަގުދައްކައިދިނުމުގައި އާޚިރަތުގެ ސާފު ތަޞައްވުރެއްގެ މުހިންމުކަމެވެ.

وَٱلَّذِينَ يُؤۡمِنُونَ بِمَآ أُنزِلَ إِلَيۡكَ وَمَآ أُنزِلَ مِن قَبۡلِكَ وَبِٱلۡأٓخِرَةِ هُمۡ يُوقِنُونَ

މާނައީ: އަދި އެއުރެންނީ ކަނލޭގެފާނަށް ބާއްވާލެއްވުނު ފޮތަށާއި، ކަލޭނގެފާނުގެ ކުރިން ބާއްވާލައްވާފައިވާ ފޮތްތަކަށް އިމާންވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ އާހިރަތް ދުވަހާ މެދުގައި ޔަގީން ކުރާ މީހުންނެވެ.

ނަރަކައިގެ ބިރުވެރިކަމާ ސުވަރުގޭގެ ގިނަ ނިއުމަތްތައް

ނަރަކައިގެ އަލިފާނުގެ ދަރަކީ އިންސާނުންނައި ހިލަ/ފޮޓޯ: ގޫގަލް

މި ބިންމަތީ ފާފަކޮށް މުކަރާތްތަކަށް އަރައިގަންނަ މީހުންނަށް މަހްޝަރުގައި އޮތީ ނަރަކައިގެ އަޒާބާ އަލިފާން ކަމަށްވާ އިިރު މިކަމުގެ ވަރުގަދަ އިންޒާރުތައް ދިނުމަކީ ނުބައިކަންކަމުން މީސްތަކުން ދުރުކުރުމަށް ދެވޭ އަގުހުރި ފިލަވާޅެކެވެ. ސޫރަތުލް ބަގަރާގައި މިކަމުގެ ވާހަކަތައް އައިސްފައިވާ އިރު ނަރަކައިގެ އަލިފާންގަނޑުގެ ހޫނުގަދަކަން ހިތަށް ގެންނަން ފަސޭހައެވެ. މިގޮތުން، ސޫރަތުލް ބަގަރާގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވަނީ:

فَإِن لَّمۡ تَفۡعَلُواْ وَلَن تَفۡعَلُواْ فَٱتَّقُواْ ٱلنَّارَ ٱلَّتِي وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُۖ أُعِدَّتۡ لِلۡكَٰفِرِينَ

މާނައީ: ފަހެ ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ އަދި ތިޔަބައިމީހުންނަކަށް ހަމަހިލާ އެކަންތަކެއް ނުކުރެވޭނެތެއެވެ. (އެކަން ނުކުރެވުނު ނަމަ) ފަހެ، ތިޔަ ބައިމީހުން ނަރަކައަށް ބިރުވެތިވެ، ރައްކާތެރިވާށެވެ. އެނަރަކައަކީ މީހުންނާއި ހިލާ އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެރަކައަށް ތައްޔާރުކުރައްވާފައިވަނީ ކާފިރުންނަށްޓަކައެވެ.

ސޫރަތުލް ބަގަރާގެ 24 ވަނަ އާޔަތުގައި ނަރަކައިގެ ބިރުވެރިކަމުގެ ވާހަކަތައް ބަޔާންކޮށްފައިވާ ފަދައިން ޖެހިގެން އަަންނަ އާޔަތުގައި މި ދުނިޔޭގައި ގިނަ ހެޔޮ އަމަލުތައްކޮށް އުޅެ މާތް ﷲ އާއި ރަސޫލާއަށް ކިޔަމަންވެ އުޅޭ އަޅުންނަށް ދެއްވާ ސުވަރުގޭގެ ނިއުމަތްތައް ވެސް ބަޔާންކޮށްފައިވެއެވެ. އެއީ ތަޤްވާވެރިންނަށް އިތުރު ހިތްވަރެއް ދެއްވާ ދީނުގެ ކަންކަމުގައި ގާފިލުވެފައި ތިބި މީސްތަކުން ސީދާ ވެގެންވާ ތެދު މަގަށް އެޅުމަށް ލިބޭ ހިތްވަރެއް ވެސްމެއެވެ.

މިގޮތުުން އެސޫރަތުގެ 25 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވަނީ:

وَبَشِّرِ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ كُلَّمَا رُزِقُوا۟ مِنْهَا مِن ثَمَرَةٍۢ رِّزْقًۭا ۙ قَالُوا۟ هَـٰذَا ٱلَّذِى رُزِقْنَا مِن قَبْلُ ۖ وَأُتُوا۟ بِهِۦ مُتَشَـٰبِهًۭا ۖ وَلَهُمْ فِيهَآ أَزْوَٰجٌۭ مُّطَهَّرَةٌۭ ۖ وَهُمْ فِيهَا خَـٰلِدُونَ

މާނައީ: އަދި އީމާންވެ ސާލިހް އަމަލުތައް ކުޅަ މީހުންނަށްޓަކައި، ހަމަކަށަވަރުން ސުވަރުގެތަކެއް ހުރިކަމުގެ އުފާވެރި ހަބަރު ކަލޭނގެފާނު އެއުރެންނަށް ދެއްވާށެވެ. އެސުވަރުގެތަކުގެ ދަށުން ފެން ކޯރުތައް ހިނގަހިނގާހުރެތެވެ. އެސުވަރުގެތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް، އެއުރެންނަށް ލިބޭ ކޮންމެ ފަހަރަކު އެއުރެންބުނާނެތެވެ. މިއީ ކުރިންވެސް އަހުރެމެންނަށް ލިބުނު މޭވާއެވެ. އެއުރެންނަށް އެފަދަ މޭވާދެއްވާހުށީ (ބޭރުފުށުން) އެއްވައްތަރު ހާލުގައެވެ. އަދި އެސުވަރުގެތަކުގައި އެއުރެންނަށްޓަކައި ތާހިރުވެގެންވާ އަބިންތަކެއްވެއެވެ. އަދި އެއުރެން، އެސުވަރުގެތަކުގައި އަބަދަށް ދެމިތިބޭހުއްޓެވެ.

ކުރީގެ ރަސޫލުންނަށް އެބޭކަލުންގެ ވާހަކަތައް ގަބޫލުކުރުން

މިއުއްމަތުގެ ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހިވަސައްލަމުގެ ކުރިން މާތް ﷲގެ ރިސާލު ހިއްޕަވައިގެން މީސްތަކުންނަށް ފޮނުއްވި ރަސޫލުންނާއި ނަބީންގެ ވާހަކަތައް ގަބޫލުކުރުމާ އެބޭކަލުންނަށް އިހްތިރާމް ކުރުމަކީ އީމާންތެރިކަމުގެ މުހިންމު ރުކުނެކެވެ. އެބޭކަލުންގެ ގައުމުތަކުގެ މީހުން ކަންކަން ކުރެއްވި ގޮތާ އެބޭކަލުންނަށް މާތް ﷲ ދެއްވި މުއިޖިޒާތްތަކާ އެގައުމުތަކުުގެ މީހުންނަށް ބާއްވާލެއްވި ކޯފާތަކުގެ ވާހަކަައިން ގިނަ ފިލާވަޅުތަކެއް ލިބެއެވެ. ސޫރަތުލް ބަގަރާގައި ކުރީގެ ރަސޫލުންނާއި ނަބީންގެ ވާހަކަތައް ގަބޫލު ކުރުމަށް ގޮވާލައެވެ. މިގޮތުން، އާދަމް އަލައިހިއްސަލާމް، ނޫހް އަލައިހިއްސަލާމް، އަދި އިބްރާހިމް އަލައިހިއްސަލާމްގެ ވާހަކަތައް ކީރިތި ޤުރުއާނުގެ އެންމެ ދިގު ސޫރަތުގައި މާތް ﷲ ވަނީ ބަޔާންކުރައްވާފައެވެ. އެސޫރަތުގެ 285 ވަނަ އާޔަތުގައި އެކަލާނގެ ވަހީކުރައްވަނީ:

ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَـٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍۢ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ

މާނައީ: ރަސޫލާއަށް، އެކަލޭނގެފާނުގެ ވެރިރަސްކަލާނގެ ހަޟްރަތުނުް ބާއްވާލެއްވި އެއްޗަކުން (އެބަހީ: ކީރިތި ޤުރުއާނަށް) ރަސޫލާއާއި މުއުމިނުން އީމާންވޫއެވެ. އެ އެންމެން ﷲ އާއި އެކަލާނގެ މަލައިކަތުންނާއި، އެކަލާނގެ (ބާއްވާލެއްވި) ފޮތްތަކާއި އެކަލާނގެ ފޮނުއްވި ރަސޫލުންނަށް އީމާންވޫއެވެ. (އެއުރެން ބުނެތެވެ) ތިމަންމެން، އެކަލާނގެ ރަސޫލުންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރެމެވެ. އަދި، އެއުރެން ބުނެއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވަރިރަސްކަލާކޯއެވެ. އަޅަމެންގެ ފާފަ ފުއްސަވައިވާފާނދޭއެވެ. އަދި އެނބުރި ދިއުންވަނީ، އިބަ ރަސްކަލާނގެ ހަޟްރަތަށެވެ.

އާޔަތުލް ކުރުސި

ބަގަރާ ސޫރަތުގެ 225 ވަނަ އާޔަތަކީ މުޅި ޤުރުއާނުގައިވާ އެންމެ މުހިއްމު އެއް އާޔަތެވެ. މި އާޔަތަކީ ކޮންމެ މުސްލިމަކު ދަސްކޮށް ދުވާލަކު އެތަށް ފަހަރެއްގެ މަތިން ކިޔާ އުޅޭ ދުއާއެވެ.

ސޫރަތުލް ބަގަރާގެ 225 ވަނަ އަޔާތް: އާޔަތުލް ކުރުސީ

ދުނިޔެވީ ނުބައި އެކި ކަންކަމުން ސަލާމަތްކަން ހޯދަން އާޔަތުލް ކުރުސި ކިޔަން ޅައުމުރުގައި މުސްލިމުން އާދަކުރާ އިރު މި އާޔަތަކީ އިސްލާމް ދީނުގެ އެންމެ އަސާސީ ވިސްނުންތައް އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭ އާޔަތެކެވެ. މިގޮތުން، މާތް ﷲ ނޫން އެހެން އިލާހަކު ނުވާ ކަމަށާ އެކަލާނގެއީ އެންމެ ހުސްތޯހިރު އެންމެ ކުޅަދާނަވަންތަ ރަސްކަލާނގެ ކަން ބަޔާން ކުރެއެވެ.

އާޔަތުލް ކުރުސި ކިޔައިގެން މުސްލިމަކަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ޖިންނި ޝައިތާނުންގެ ކިބައިން ސަލާމަތްވުމެވެ.

ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމް ހަދީޘް ކުރައްވާފައިވެއެވެ.

"އެ އާޔަތެއް ގޭއެއްގައި ކިޔަވައިފިނަމަ ޝައިތާނާ އެ ގެއިން ފިލާ ދާނެއެވެ. އެ އާޔަތަކީ އާޔަތުލް ކުރުސިއެވެ." (އަލް-ތަގްރިބް، ދެވަނަ ފޮތް، ސަފްހާ 370)

ކޮންމެ ފަރުޟު ނަމާދަކަށް ފަހު ކުރުސި ކިޔުމަށް ކީރިތި ރަސޫލާ ވަނީ އިރުޝާދު ދެއްވާފައެވެ. މިގޮތުން، ކޮންމެ ނަމާދަކަށް ފަހު ކުރުސި ކިޔާ އަޅަކާ ސުވަރުގެއާ ދެމެދު ވަނީ އޭނާގެ މަރު ކަމަށް ވެސް ރަސޫލާ ހަދީޘް ކުރެއްވެވިއެވެ. (އަލް-މުއައްޖަމް އަލް އަސްވަތް ލިލް ތަބްރާނީ، 8068، ސާހިހް)

ސޫރަތުލް ބަގަރާއިން ލިބޭ މިނޫން ވެސް އެތަށް އަގުހުރި ފިލާވަޅެއްވެއެވެ. ރިބާ، ކައިވެނި އަދި ވަރި ފަދަ ކަންކަމުގައި ދީނުގައި އައިސްފައިވާ ހައްދުތަކާ ބަނީ އިސްރާއީލް ބާގާގެ މީހުންގެ ވާހަކަތަކާ މާތް ﷲގެ މުއިޖިޒާތްތަކުގެ ވާހަކަތައް އެސޫރަތުގައި އެކަލާނގެ ބަޔާންކުރައްވާފައިވެއެވެ. އެހެން ކަމުން، ސޫރަތުލް ބަގަރާ މާނައާއެކު ކިޔާ އެސޫރަތުން ލިބޭ ފިލާވަޅުތަކުން އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަވެ އިސްލާމީވަންތަކަން އިތުރުވެގެންދާނެކަން ޔަގީނެވެ.