އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ފެނިގެން ދިޔައީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގުތަކަށް މި ސަރުކާރުން ގަދަރު ކުރާ މިންވަރު ކަމަށް ރައިސް އޮފީހުގެ ތަރުޖަމާޏު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައި ވާ އިރު، އެ މުޒާހަރާގައި ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ޝުއޫރުތައް ވަނީ ފާޅުކޮށްފައެވެ. އާޓިފިޝަލް ބީޗުން ފެށި ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާ އިރު، މި އީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ބޭއްވި މިފަދަ އެންމެ ބޮޑު އެއް މުޒާހަރާއެވެ.

މި މުޒާހަރާގެ ހިނގާލުން މާލޭގެ އެކި ސަރަހއްދުތަކަށް ހުއްޓައި ޝުއޫރުތައް ފާޅުކޮށްފައި ވެއެވެ. އަދި މުޒާހަރާ ނިންމާލާފައި ވެސް ވަނީ އާޓިފިޝަލް ބީޗަށެވެ.

މުޒާހަރާ ނިންމާލުމާއެކު ހިނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވެ، އެ މުޒާހަރާ ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނެތި ފުރުސަތު ދީފައިވާ ކަމަށެވެ. އެކަމުން ދޭހަވަނީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގުތަކަށް، މި ސަރުކާރުން ގަދަރުކުރާ މިންވަރު ކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިނުމާއި ހިމާޔަތް ދިނުން ކަމަށް ހީނާ ވިދާޅުވިއެވެ.

ރޭ އެމްޑީޕިން ކުރި މުޒާހަރާ ބެލެހެއްޓުމަށް މާލޭގެ އެކި ސަރަހއްދުތަކުގައި ފުލުހުން ހަރަކާތްތެރިވެފައި ވެއެވެ. މި މުޒާހަރާ ސުލްހަވެރިކަމާ އެކު ނިންމާލާފައިވާ އިރު އެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވެސް ހަރަކާތްތެރިވެފައެއް ނުވެއެވެ. އަދި އެއްވެސް ހަމަޖެހުމެއް ވެސް ހިންގާފައެއް ނުވެއެވެ.