މާލޭގައި ހ. ހުޅުގަލީގައި ހިންގަމުން އަންނަ ޕްރައިވެޓް އޮފީހަކަށް ކޯޓު އަމުރަކާއެކު ފުލުހުން ވަދެ އެތަން ބަލައި ފާސްކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ، އެ ގެއަށް ފުލުހުން ވަދެ ބަލައި ފާސްކުރީ، ސިނގިރޭޓް އުފައްދާ ކަމަށް މައުލޫމާތު ލިބިގެން ކަމަށާއި އަދި އެތަނަށް ވަނީ ކޯޓު އަމުރަކާ އެކު ކަމަށެވެ. މި ވަގުތު ވެސް ފުލުހުން އަންނަނީ ސީންގައި ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ. ހެލްތު މިނިސްްޓްރީން ވަނީ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ނަމަ ހިފަހައްޓަން ކަސްޓަމްސް އަށް ވެސް އަންގާފައެވެ. ނަމަވެސް ގާނޫނުގައި ބުނާ ގޮތުގައި އެތަކެތި އެތެރެ ކުރުން މަނާ ނުކުރާތީ ކަސްޓަމްސް އިން ވަނީ ދާދި ފަހުން ވެސް ދުންފަތް އޮޅަން ބޭނުން ކުރާ ސާމާނު ހުރި ޝިޕްމަންތެއް ހިފެހެއްޓުމަށް ފަހު ދޫކޮށްލާފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރިކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފައެވެ.
އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ވިއްކުމާއި ހިލޭބަހާ ނަމަ އެފަރާތެއް 20,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވިއްކާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ބޭނުންކޮށްފި ނަމަ 5،000 ރުފިޔާއިން ޖޫރިމަނާކޮށް، ވޭޕް ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން އެފަދަ އާލާތެއް ނުވަތަ އެފަދަ އެއްޗަކާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމުގައިވާ ނަމަ، އާންމު އަގުން އެފަރާތެއް ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތެއް 50,000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.
ވޭޕް ބޭނުން ކުރުން މަނާކޮށްފައިވާ އިރު ރާއްޖޭގައި ސިނގިރޭޓް ވިއްކާ އަގު ވަނީއުފުލިފައެވެ. ސިނގިރޭޓް ވިއްކާ އަގު އުފުލިފައި ވަނީ ސިނގިރޭޓްގެ ޑިއުޓީ ބޮޑު ކުރުމާ ގުޅިގެންނެވެ. އެއާއެކު މިހާރު ގިނަ ބަޔަކު އަންނަނީ ދުންފަތް އޮޅަން ބޭނުން ކުރާ ސާމާނު ހޯދައިގެން އަމިއްލައަށް ދުންފަތް އޮޅައިގެން ސިނގިރޭޓް ބޮމުންނެވެ. އަދި މިފަދައިން ދުންފަތް އޮޅައިގެން ބައެއް ފަރާތްތަކުން ވިޔަފާރި ކުރާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.