އިގްތިސޯދީ ބޭނުންތައް ކުރުމަށް 3 ކައުންސިލަކަށް 4 ފަޅުރަށް ދޫކޮށްފިއެވެ.

ކައުންސިލުތަކަށް ފަޅު ރަށްތައް ދޫކުރުމުގެ ސިޔާސަތުގެ ދަށުން 28 ފަޅު ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހުޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްއިން ހުޅުވާލިއެވެ.

އެގޮތުން 3 ކައުންސިލަކުން ފަޅު ރަށްތައް އެދި ޕްރޮޕޯސަލް ހުށަހަޅާފައި ވާއިރު، މިއަދު އެ ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރި ކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ކައުންސިލްތަކަށް ދޫކުރި ފަޅު ރަށްތައް:

  • ރ. އިނގުރައިދޫ ކައުންސިލް - ރ. ނެޔޮ
  • ދ. އަތޮޅު ކައުންސިލް - ދ. މިނިމަސްގަލި އަދި ފެންފުށި
  • ލ. މާވަށު ކައުންސިލް - ލ. ބޮޑުމާބުޅަލި

ފަޅުރަށް ލިބުނު ކައުންސިލްތަކުން އެ ކައުންސިލްތަކާ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި، އެ ރަށްރަށުގެ ބޭނުން ހިފުމަކީ، ސަރުކާރުގެ ފަރާތުން ކުރާ އިލްތިމާސްއެއް ކަމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ. .

އާދަމް ޝަރީފް ވިދާޅުވީ ފަޅުރަށް ހަވާލުކުރުމުގެ މަސައްކަތް ކުރެވުނީ ރައީސް އޮފީހާއި، މިހާރު ފިނޭންސް މިނިސްޓްރީއާއި، ކުރިން ހައުސިން މިނިސްޓްރީއާއި އަދި ސިޓީސް މިނިސްޓްރީ ގުޅިގެން ކަމަށެވެ. އަދި ކައުންސިލްތަކަށް ފަޅުރަށް ހަވާލުކުރެވިގެން ދިއުމަކީ ލާމަރުކަޒީ ނިޒާމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.