ގދ.ތިނަދޫ ކައުންސިލް އިދާރާއިން ވައްކަންކޮށްފައިވާކަމަށް ބުނާ މައްސަލަ އެއް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މިއަދު ހެނދުނު، ތިނަދޫ ކައުންސިލް އިދާރާއިން ވައްކަންކޮށްފައިވާކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާއިރު މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާކަމަށް ނުބެލެވޭ ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ތިނަދޫ ކައުންސިލުން ހިންގާ ރަސްމީ ފޭސްބުކް ޕޭޖުގައި އެ ކައުންސިލުން ވަނީ ތިނަދޫ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި އޭސީސީގެ ނަމުގައި އައި ބަޔަކު ވަގަށް ނަގައިފައިވާކަމަށް ބުނެ ޕޯސްޓެއްކޮށްފައެވެ. އަދި މި މައްސަލަ ފުލުހަށްވެސް ހުށަހެޅި ބަލަމުންދާތީ ކައުންސިލްގެ ބައެއް ހިދުމަތްތައް މެދު ކެނޑިފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކައުންސިލުން އާންމުކޮށްފައިވާ ފޮޓޯތަކުން، ކައުންސިލް އިދާރާގެ ބިންމައްޗަށް ފައިލްތަކާއި އެހެނިހެން ސާމާންތައް އުކާލާފައިވާ މަންޒަރުވެސް ފެނިގެންދެއެވެ. މިކަމުގެ އިތުރު ތަފްސީލު ހޯދުމަށް 'ދަ ޕްރެސް' އިން ތިނަދޫ ކައުންސިލަށް ގުޅުމުން މައުލޫމާތު ދެވޭނެ ފަރާތެއް މިވަގުތު އެ އިދާރާގައި ނެތްކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސައުދު އަލީގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން އޭސީސީއިން ތިނަދޫ ކައުންސިލް އޮފީހަށް އިއްޔެ ވަދެފައިވާކަމުގެ މައުލޫމާތު ލިބިފައިވާއިރު، އަދި މިކަމާއި ގުޅޭ އެއްވެސް ތަފްސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.