ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސައުދު އަލީގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން އޭސީސީއިން ތިނަދޫ ކައުންސިލް އޮފީހަށް ވަދެއްޖެއެވެ.
އާންމު ފަރާތަކުން ތިނަދޫ މޭޔަރާއި ދެކޮޅަށް އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެހެން ކުންފުންޏެއްގެ ނަމުގައި ބިލްތައް ހަދައިގެން ތިނަދޫ ބަނދަރުމަތީގައި ބަހައްޓާފައި ހުރި ދެ މޮނިއުމަންޓު ހެދުމުގައި ކޮރަޕްޝަނުގެ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި އެ ކުންފުނީގެ ނަމުގައި ބިލް ހެދި ނަމަވެސް އެ މަސައްކަތުގެ ފައިސާ ސައުދު އަލީގެ އަމިއްލަ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އެ ފަރާތުން ވަނީ ތުހުމަތުކޮށްފައެވެ.
މި މައްސަލަ އޭސީސީން ބަލަމުން އަންނައިރު، ތިނަދޫ ސިޓީ އިން ވާހަކަދެއްކި މީހަކު ބުނީ މިއަދު ހެނދުނުން ފެށިގެން އޭސީސީގެ ޓީމުން ކައުންސިލު އޮފީހުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި ކަމާއި ގުޅުން ހުރި ބައެއް ފަރާތްތަކާއި ސުވާލުކުރަމުން އަންނައިރު، މިކަމާއި ގުޅިގެން އަދި އޭސީސީގެ ފަރާތުން ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.
މީގެ ކުރިންވެސް ތިނަދޫ ސިޓީ ކައުންސިލާއި ގުޅޭ ގިނަ މައްސަލަތެއް ފެންމަތިވެފައިވާއިރު، ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލާފައިވާކަމުގެ ތުހުމަތުތަކެއްވެސް ވަނީ ކޮށްފައެވެ. އަދި މަރުވެފައިވާ މީހުންނާއި ކައިރި އެހެން ރަށްރަށުގެ ބައެއް މީހުންނަކީ އެރަށުގެ ރަށްވެހީންކަމުގައި ހެދި މައްސަލަ ކޯޓަށް ވަނީ ހުށަހަޅާފައެވެ.