ކުރިއަށް އޮތް ރޯދަ މަހަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40ގ މަސް އުނި ނުކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ބުނެފިއެވެ.
ކާޑުގެ ބާވަތްތަކުގެ ބަދަލުގައި މި ރޯދަ މަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދެއްވާނެކަން ރައީސް އިއުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ބޭއްވި ބޮޑު ޖަލްސާގައެވެ.
މިހާރު މިފްކޯއިން އުފައްދާ 180ގ ގެ މަސްދަޅު ކޭސް ނަމަވެސް ރޯދަ މަހު ބަހާ ކޭސްތަކުން 40ގ އުނިކޮށް 140ގ ގެ މަސްދަޅު ކޭސް ބަހާ ކަމަށް ބައެއް ސޯޝަލް މީޑިއާގެ މަންސަތަކުގައި ވަނީ ވާހަކަ ފެތުރިފައެވެ. ނަމަވެސް އެކަން ދޮގުކޮށް މިފްކޯއިން ބުނީ ރޯދަމަހު ގޭބީސީތަކަށް ބަހާނީ 180ގ ގެ މަސްދަޅު ކޭސް ކަމަށެވެ.
140ގ ބާޒާރަށް ނެރެފައިވަނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ކަމަށާއި އަދި އެކަން ކޮށްފައި ވަނީ މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކަމަށް ވެސް މިފްކޯ އިން ވަނީ ބުނެފައެވެ. "140ގ ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި. މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ،". މިފްކޯއިން ބުންޏެވެ.
މިފްކޯއިން މީގެ ކުރިން ބުނެފައި ވަނީ ރޯދަމަހު ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވަނީ 48 ދަޅުގެ މަސްކޭހެއް ކަމަށެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުން ކޮންމެ ގޭބީސީއަކަށް ދީފައިވަނީ ހަނޑޫ އަދި ފުށެވެ.