ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތައް ބްލޮކް ކުރަން އުޅޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ޓިކޮޓޮކް އާއި ސްނެޕްޗެޓް، އިންސްޓަގްރާމް ފަދަ ބައެއް ސޯޝަލް މީޑިއާގެ އެޕްލިކޭޝަންތައް ސަރުކާރުން ބްލޮކް ކުރާ ވާހަކަތަކެއް ދާދިފަހުން ވަނީ ފެތުރިފައެވެ. އެކަމާ ބައެއް އާންމުން ކަންބޮޑުވުން ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ.

ހީނާ ވިދާޅުވީ، ސޯޝަލް މީޑިއާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައި ނުވާ ކަމަށާއި އެފަދަ ނިންމުމެއް ނިންމުމަށް ސަރުކާރުން މަޝްވަރާކޮށްފައި ވެސް ނުވާ ކަމަށް ހީނާ ވިދާޅުވިއެވެ.

އަދި ރައީސްގެ އެފަދަ ވިސްނުންފުޅެއް ނުގެންގުޅުއްވާކަން ހާމަކޮށް ހީނާ އިތުރަށް ވިދާޅުވީ، ރައީސްގެ ވިސްނުންފުޅަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން، ގާނޫނު އަސާސީގެ އިންތަކާއި ހުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން ކަމަށެވެ.

ރާއްޖޭގެ ސަރުކާރުން މިކަން ދޮގުކޮށްފައިވާއިރު އިންޑިއާއި ނޭޕާލް އިން ވަނީ ޓިކްޓޮކް ބޭން ކޮށްފައެވެ. އަދި މި މަހުގެ 19 ވަނަ ދުވަހު އެމެރިކާއިން ވެސް ޓިކްޓޮކް ބޭން ކުރުަމށް ނިންމާފައިވާއިރު ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަންތައް ބިލިއަނަރު އީލޮން މަސްކަށް ވިއްކާލުމުގެ ފުރުސަތު އޮތްތޯ ބެލުމަށް ޗައިނާގެ އޮފިޝަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.