ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ގެ ޕާޓީ ބަދަލުކުރުމަށް ޕީއެންސީގެ ނަމުގައި ހުށަހެޅި ފޯމު ޕްރޮސެސްކުރީ އެލާޓް ސިސްޓަމްގެ މައްސަލައަކުން ކަމަށާއި ވަގު ފޯމު ހުށަހެޅި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން މިހެން ބުނެފައި މި ވަނީ ވަގު ފޯމު ހުށަހަޅައިގެން އެމްޑީޕީ މެންބަރުން އެހެން ޕާޓީތަކަށް ބަދަލު ކުރަން އުޅޭ މައްސަލަ ހޫނުވެ އެ ޕާޓީން މިއަދު އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރި ފަހުންނެވެ.
އީސީން ނެރުނު ބަޔާނުގައި ބުނީ ޒިޔާދަށް އެނގިވަޑައިގަތުމެއް ނެތި ޕީއެންސީއަށް ރަޖިސްޓްރީކުރަން ފޯމު ހުށަހެޅިކަން އެ ކޮމިޝަންގެ ސަމާލުކަމަށް ގެނައުމުން، އެ ފޯމު ބާތިލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ ޕާޓީގެ މެންބަޝިޕް ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އީސީން ބުނެއެވެ. ޒިޔާދަށް އެނގިވަޑައިގަތުމެއް ނެތި ޕީއެންސީއަށް ރަޖިސްޓްރީކުރަން ފޯމު ހުށަހަޅާފައި ވާތީ އެކަމުގެ ޒިންމާވާ މީހުންގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް މި ކުރަމުންދާ ކަމަށާއި މި ފަދަ ކަމެއް އިތުރަށް ތަކުރާރު ނުވާނެ ފަދައިން އިދާރީ އަދި ގާނޫނީ އިންތިޒާމުތައް ހަމަޖައްސާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އީސީން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީއަކުން ވަކި ކޮށްފި ނަމަ މަޖިލިހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހެއް ހުށަހަޅައި އެ އިސްލާހު ވަނީ ފާސްކޮށްފައެވެ. ގާނޫނަށް މި ބަދަލު ގެނެސްފައި އޮއްވާ އެމްޑީޕީ މެންބަރެއްގެ ޕާޓީ ބަދަލު ކުރުމަށް ވަގު ފޯމެއ ހުށަހެޅުމުން އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.