އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގައި އަމަލީ މަސައްކަތެއް ނުކުރައްވާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ ސިޔާސީ މަސައްކަތުން މުޅިން ދުރަށް ޖެހިވަޑައިގެންނެވީ ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީން ވަކިވެވަޑައިގެން އެތައް މެންބަރުންތަކެއް އެކުވެގެން އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީގެ އިސް މެންބަރުންތަކެއް އެ ޕާޓީން އިސްތިއުފާ ދެއްވައި އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެން ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ހަޔާތްޕުޅުގެ ބޮޑު ބައެއް ހޭދަކުރެއްވީ ދިވެހި ރާއްޖޭގައި ގިނަ ޕާޓީތަކެއް އެކުލެވޭ ނިޒާމެއް ގާއިމް ކުރެއްވުމުގެ މަސައްކަތުގައި ކަމަށެވެ. ގައުމެއްގެ ތަރައްގީއަށް، ރައްޔިތެއްގެ ތަނަވަސް ކަމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތެއް އޮތުން ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.
އެގޮތުން 2008 ވަނަ އަހަރުގެ އިންތިހާބަށް ފަހު ސަރުކާރުގެ އާމްދަނީ އިތުރުވެގެން ދިޔަ މިންވަރު އަދި އެ އާމްދަނީން ކުރި އުމްރާނީ މަސައްކަތާއި، ރައްޔިތުންނަށް ހޯދައި ދެވުނު އިޖްތިމާއީ ރައްކާތެރިކަން ބުނެދެނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާ ހުރި މިންވަރު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅު ވާނެ މީހެއް ނޫން ކަމަށާއި އެމްޑީޕީއަކީ އެމަނިކުފާނުގެ ދަރިއެއް ފަދަ ޕާޓީއެއްގެ ގޮތުގައި ނަޝީދު ސިފަފުޅު ކުރެއްވިއެވެ. އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. ހަމައެއާއެކު ފަހުން އެމަނިކުފާނު ގުޅިވަޑައިގެން ދަ ޑިމޮކްރެޓްސް އަކީ ހާއްސަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް ކަން ނަޝީދު ވިދާޅުވިއެވެ.
މިއިން އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރަން މިވަގުތު ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރުވެވަޑައިގަތުމުގެ ވިސްނުންފުޅެއް ވެސް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގައި މަސައްކަތް ކުރެއްވި ގިނަ ބޭފުޅުންތަކެއް އެ ޕާޓީން އިސްތިއުފާ ދެއްވައި ވަނީ ކުރިން އެ ބޭފުޅުން މަސައްކަތް ކުރެއްވި ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އާއި ނައިބު ރައީސް ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ އެމްޑީއަކަށް ކުރިން ހުންނެވި ހުސެއިން އަމްރު އަދި އެ ޕާޓީގެ ޕީޖީ ލީޑަރުކަން ކުރެއްވި ކުރީގެ މެންބަރު އަލީ އާޒިމް އެވެ.
މި ބޭފުޅުން ވަކިވުމާ އެކު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްޔެ ބުނެފައި ވަނީ ރައީސް ނަޝީދު ޑިމޮކްރެޓްސްއާ އެކުގައި ހުންނެވުމަކީ އެ ޕާޓީގެ މުސްތަގްބަލަށް އޮތް ބޮޑު އަލިކަމެއް ކަމަށެވެ.