ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ކޮންމެ އަހަރަކު ވެސް ސޮއިކުރާ ހައްޖުގެ ހިދުމަތާ ބެހޭ އެގްރީމަންޓްގައި ސޮއިކޮށްފިއެވެ.

ރާއްޖޭގެ ފަރާތުން މިއެގްރީމަންޓްގައި ސޮއިކުރީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ ހައްޖާއި އުމްރާއާ ބެހޭ ވަޒީރު ޑރ ތައުފީގް ބިން ފައުޒާނު އައްރަބީއާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި މި އެގްރީމެންޓްގައި ވަނީ ހައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތަކެވެ. އެގޮތުން ހައްޖުގެ ހިދުމަތަށް ފައިސާ ދައްކާނެ ގޮތާއި، ދިވެހިރާއްޖެ އިން ހައްޖުގެ ހިދުމަތް ދޭ ކުންފިން ހިދުމަތް ދޭން ޖެހޭނެ ގޮތާއި ދިވެހި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ހައްޖު މޫސުމުގައި ރާއްޖޭގެ ހައްޖު މިޝަން ހާއިމު ކުރުން ފަދަ ކަންކަން އެ އެގްރިމަންޓްގައި ބަޔާން ކޮށްފައި ވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޑރ. ޝަހީމް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފައި ވަނީ ޑރ. ތައުފީގްގެ ދައުވަތަކަށެވެ. މީގެއިތުރުން ހައްޖު މިނިސްޓަރާއި ޑރ. ޝަހީމް ބައްދަލުކުރެއްވުމުގެ އިތުރުން 1446 ވަނަ އަހަރު ހައްޖު މިނިސްޓްރީ އިން ބާއްވާ ހައްޖު މައުރަޒުގައި ވެސް ޝަހީމް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިނިސްޓަރު ޝަހީމް ވަނީ މިދިޔަ އަހަރުގެ އޮގަަސްޓު މަހުވެސް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ. އިސްލާމީ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ޝަހީމް ކުރެއްވި އެ ދަތުރުގައި ބައެއް ސެޝަންތަކުގެ ޗެއާކަން ވެސް މިނިސްޓަރު ވަނީ ކުރައްވާފައެވެ. އެ ކޮންފެރެންސްގައި ވަނީ އިސްލާމީ އުންމަތުގެ މުހިއްމު މައުޟޫއުތަކަށް އިލްމީ ކަރުދާސްތައް ހުށަހަޅުއްވާފައެވެ.