ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ވާހަކަތަކުގެ ކެރެކްޓާތަށް ޓެކްނޮލޮޖީގެ ޒަރީއާއިން އާންމުންނާއި ހަމައަށް ގެނެސްދޭ އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ރޭ އިފްތިތާހުކޮށްފިއެވެ.
މި ކަލަންޑަރުން އިފްތިތާހު ކޮށްދެއްވީ އުރީދޫ ހެޑްކުއާޓާސްގައި ރޭ ބޭއްވުނު ހަފްލާގައި ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.
މިއީ ރާއްޖޭގެ ފުރަތަމަ އެންއެފްސީ އިންޓަގްރޭޓަޑް ކަލަންޑަރުކަން ފާހަގަކޮށް އުރީދޫއިން ބުނީ ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓާ މި ކަލަންޑަރުގައި ހިމެނޭ ކަމަށެވެ. އަދި މި ވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބަޔެއްކަން އުރީދޫއިން ފާހަގަކުރެއެވެ
މި ކަލަންޑަރަކީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫން ކަމަށާއި މިއީ "އިންޓަރެކްޓިވް އެކްސްޕީރިއަންސެއް" ކަމަށް އުރީދޫއިން ބުނެއެވެ. އެގޮތުން އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެއެވެ.
އުރީދޫއިން ބުނީ ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. އަދި މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯ ތަޖުރިބާ ކުރުމުގެ ފުރުސަތު މި ކަލަންޑަރާއެކު ލިބިގެންދާނެ ކަމަށާއި ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ ކަލަންޑަރު 2025 ރަމްޒުކޮށްދެނީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ދިވެހި ސަގާފަތް ދެމެހެއްޓުމަށް ކުރާ މަސައްކަތް ކަމަށެވެ.
އުރީދޫއިން އިތުރަށް ބުނީ މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުންދަމަހައްޓާ "ޑިޖިޓަލް މޯލްޑިވްސް"އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށެވެ.