މޫސުން ގޯސްވެ ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ދާދި ދެންމެއަކު ނެރުނު ސަމާލުގައި ބުނެފައި ވަނީ، މިއަދު މެންދުރު 12:50 އިން ފެށިގެން މެންދުރު ފަހު 15:00 ގެ ނިޔަލަށް ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓު އޮފީހުން މީގެ ކުރިން ދެކުނުގެ ރަށްތަކަށް ނެރެފައި ވަނީ ރީނދޫ ސަމާލު ނަމަވެސް އެލާޓް ނެރުނުތާ މާ ގިނައެއް އިރެއް ނުވެ އެ ސަމާލު ވަނީ އޮރެންޖު ސަމާލަށް މަތިކޮށްފައެވެ.

އަދި ހަމައެހެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައިވާއިރު މިއަދުވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެއެވެ. މައެއާއެކު ރާޅުގެ އުސްމިނުގައި 1 ފޫޓާއި 3 ފޫޓު ހުންނާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރު ވެސް ދެކުނަށް ގަދައަށް ވިއްސާރަކޮށްފައިވާއިރު އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ފުވައްމުލަކަށެވެ. ފުވައްމުލަކަށް ވަނީ 24 ގަޑިއިރު 76.0 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ގދ. ފަރެސްމާތޮޑާއަށް ކަމަށްވާއިރު ތިންވަނައަށް އެންމެ ބޯކޮށް މިއަދު ވާރޭވެހުނީ ހއ. ކެލައަށެވެ.

ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައި ވަނިކޮށް ކަނޑުދަތުރުފަތުރު ނުކުރުމަށް ކޯސްޓްގާޑުން ލަފާ ދީފައިވާއިރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރާއިރުވެސް އުޅަނދުގައި އެކަށީގެންވާ އަދަދަކަށް ލައިފްޖެކެޓް ހުރިތޯ ބެލުމާއި، ކަނޑު ގަދަނަމަ ލައިފްޖެކެޓް އެޅުމަކީ ވަރަށް މުހިންމު ކަމެއްކަމަ ކޯސްޓް ގާޑުން ލަފާ ދެއެވެ.

ފާއިތުވި ހަފްތާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ގިނަ އަދަދެއްގެ ގެއްލުން ލިބިފައިވާއިރު ބައެއް ރަށްރަށަށް ވަނީ އުދަވެސް އަރާފައެވެ.