ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ދެ ޖަލްސާއެއް މި މަހު ބާއްވަން ނިންމައިފިއެވެ.

މި ދެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހާއި 20 ވަނަ ދުވަހުއެވެ. މި ޖަލްސާތައް ބާއްވަނީ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރުމަށާއި އިތުރު އެހެން ބައެއް މަސައްކަތްތައް ނިންމުމަށް ކަމަށް ވެއެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު ދާދިފަހުން ވަނީ ބޮޑެތި ތުހުމަތުތަކާއެކު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކޮށްފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ތުހުމަތުކުރި ގޮތުގައި ނަޝާތާއި އާސިފްގެ އިތުރުން ޒާހިރު ވަނީ، ވިޔަފާރިކުރާ ފަރާތަކާ ގުޅިގެން ކޮމިޝަނަށް ވަކި ވިޔަފާރި ކުންފުންޏެއް މެދުވެރިކޮށް ކޮމްޕިއުޓަރުތަކެއް ހޯދާފައެވެ.

މީގެ އިތުރުން މި ތިން މެންބަރުންނާ ގުޅުން އޮންނަ ވިޔަފާރިއަކުން ކޮމިޝަނަށް ބައެއް ތަކެތި ހޯދާފައިވާ ކަމާއި އެގޮތުން ކޮންމެ މުއާމަލާތަކުން ބޮޑެތި މަންފާ ހޯދަމުން ދިޔަ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އައްޔަންކުރަން ޖެހޭ އިރު، މަޖިލީހުގެ ދައުރު ނުފެށެނީސް އެ މުއްދަތު ހަމަވާނެއެވެ. ހުސްވެފައިވާ އެ ދެ މަގާމަށް އައްޔަންކުރަން ރައީސް ފޮނުއްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ކުރީގެ ނައިބު ރައީސް, މުހައްމަދު ޒާހިދާއި ހޯމްލޭންޑް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަހްމާން ސަލާހު ރަޝީދުގެ ނަމެވެ.

ރައްޔިތުންގެ މަޖިލީހުގެ 2 024ގެ ފަހު ދައުރު ނިންމާލައި މަޖިލިސް މިހާރު ޗުއްޓީގައި އޮތް އިރު މި އަހަރުގެ ފުރަތަމަ ދައުރު ފެށުމަށް ނިންމާފައި ވަނީ ފެބްރުއައީ މަހުއެވެ.