ތަރައްގީގެ މަޝްރޫތައް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ހުރެގެން ބަލާލެވެނޭ ޑޭޝްބޯޑެއް އެމްޓީސީސީ އިން ތައާރަފުކޮށްފިއެވެ.
އެމްޓީސީސީ އިން ބުނީ މި ޑޭޝްބޯޑާއެކު ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް އެމްޓީސީސީ އިން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫތަކުގެ އަޕްޑޭޓުތައް ބަލާލެވޭނެ ކަމަށާއި، މިއީ އެމްޓީސީސީ އަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެމްޓީސީސީ އިން ބުނީ އެ ކުންފުނިން މުޖުތަމައު ބައްޓަން ކުރުމަށްޓަކައި ކުރާ މަސައްކަތްތައް ފެންނަން އޮތަމަކީ އާންމު ރައްޔިތުންނަށް ކުންފުންޏާމެދު އޮތް އިތުބާރު ބޮޑުވެގެން ދާނެ ކަމަށެވެ.
އެމްޓީސީސީގެ ވެބްސައިޓަށް ވަނުމާއެކު ފުރަތަމަވެސް ފެނިގެންދަނީ ދިވެހިރާއްޖޭގެ ޗާޓެވެ. މި ޗާޓުގައި އެމްޓީސީސީގެ ލޯގޯ ހުރި އަތޮޅުތަކަކީ އެމްޓީސީސީގެ އެކި މަޝްރޫތައް ހިނގަމުންދާކަން ރަމްޒުކޮށްދިނުމަށް ޖަހާފައިވާ ލޯގޯތަކެއް ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
އެމްޓީސީސީ އިން ބުނީ އެއިން ކޮންމެ ލޯގޯ އަކަށް އޮބާލުމުން އެ އަތޮޅުގައި އެމްޓީސީސީގެ ކިތައް މަޝްރޫ ކުރިއަށް ދާކަމާއި، ނުފަށާ ހުރި މަޝްރޫތަކުގެ އަދަދުވެސް ރައްޔިތުންނަށް ފެނިގެން ދާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޓީސީސީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ އަދަދެއްގެ މަޝްރޫތައް ހިންގަމުންނެވެ.