ސޮފްޓްވެއާ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޯލޮޖީއަށް ބިނާކޮށް ގައުމީ ކޮމްޕިއުޓާ ވިއުގަ، ނޭޝަނަލް ކޮމްޕިއުޓާ ނެޓްވޯކް (އެންސީއެން) ގެ ހިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ބޭނުންވާ ދިރާސާ ހެދުމަށް، ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާއެކު ހޯމް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ، މިއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމެއް ކަމަށެވެ. ބައިނަލްއަގްވާމީ ބީލަމަކަށް ހުޅުވާލައި މިކަމަށް ކުރިމަތިލީ ކުންފުނިތަކުގެ ތެރެއިން ބީލަން ކާމިޔާބުކޮށްފައި ވަނީ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑުންނެވެ.

​​އެސްޑީވޭން ޓެކްނޯލޮޖީ އަކީ އިންޓަނެޓް މެދުވެރިކޮށް ރައްކާތެރިކަމާއެކު އެކި ޖިއޯގްރަފިކް ލޮކޭޝަންތަކުގައި ހުންނަ ބްރާންޗް އޮފީސްތައް ގުޅާލުމަށް ބޭނުންކުރާ ނެޓްވޯކް ޓެކްނޯލޮޖީއެކެވެ. ނަމަވެސް ސަރުކާރުގެ ވަކިވަކި އިދާރާތަކާއި، އެ އިދާރަތުގެ ބްރާންޗް އޮފީސްތަކާއި، އަދި ބޭނުންކުރާ ސިސްޓަމްތަކުގެ އެކްސެސް ކައުންސިލްތަކަށް، އެއް ވިއުގައެއްގެ ތެރެއިން ދިނުމަށްޓަކައި މި ޓެކްނޯލޮޖީއަކީ ޓެކްނިކަލް އަދި މާލީގޮތުން ފީޒިބަލް ޓެކްނޯލޮޖީއެއްތޯ ދެނެގަތުމަށް އިތުރަށް ދިރާސާކުރަންޖެހޭ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އެން-އޭބަލް ޕްރައިވެޓް ލިމިޓެޑް އަށް އެންސީއައިޓީން ފޯރުކޮށްދީފައިވާ ރިކުއަޔަމަންޓާ އެއްގޮތަށް މި ޓެކްނޯލޮޖީ ބޭނުންކުރެވޭތޯ ބެލުމަށް ޕްރޫފް އޮފް ކޮންސެޕްޓް ހެދުމުގައި އެންސީއައިޓީއަށް ފަންނީ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. މި މަސައްކަތް ނިންމަން ދެވިފައިވާ މުއްދަތަކީ 4 މަސް ދުވަހެވެ.

​​އެންސީއެން އަކީ ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އޮފީހުގެ އެތެރޭގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްތައް ރަށު ކައުންސިލްތަކާއި ބްރާންޗް އޮފީސްތަކަށް ފޯރުކޮށްދިނުމާއި އަދި އެކި އިދާރާތަކުގެ މެދުގައި ޑޭޓާ ރައްކާތެރިކަމާކު ހިއްސާކުރުމަށްޓަކައި އެންސީއައިޓީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގާއިމްކޮށްފައިވާ ކޮމްޕިއުޓާ ވިއުގައެކެވެ.

އެންމެ ފުރަތަމަ މި ވިއުގަ ގާއިމްކޮށްފައި ވަނީ 2000 އަހަރު ތަކުގެ ތެރޭގައި ސެޓެލައިޓް މެދުވެރިކޮށެވެ. ނަމަވެސް ޓެކްނޯލޮޖީއަށް އައި ކުރިއެރުމާއި އަގުތަކަށް އައި ބަދަލާއެކު 2014 އިން ފެށިގެން މި ނެޓްވޯކް އޮޕަރޭޓް ކުރަނީ ދިރާގު އަދި އުރީދޫއިން ގާއިމްކޮށްފައިވާ މުވާސަލާތީ ބިނާވެށީގައެވެ. ނަމަވެސް އަދި މިއީ އަގުބޮޑު ހިދުމަތަކަށްވުމާއި، އަދި އޮފީސްތަކުގެ ޑިޖިޓަލް ހިދުމަތްތަށް ގިނަވެފައި ވާތީ މި ނެޓްވޯކްގެ ކެޕޭސިޓީ ވަނީ އިތުރުކުރަން ޖެހިފައި ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރާއިރު ރަށްރަށުގައި އަޅާފައިވާ ނެޓްވޯކް އިންފްރަސްޓްރަކްޗާ ހަލާކުވުމުގެ ސަބަބުން ހިދުމަތްތައް މެދުކެޑި އަލުން ހިދުމަތް ދޭންފެށުމަށް ގިނަ ގޮންޖެހުންތަކެއް ކުރުމަތިވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

​​މިއީ އެކަށީގެންވާ ޓެކްނޯލޮޖީއެއް ނަމަ، ސަރުކާރުން މި ވަގުތު އެންސީއެން އަށް ކުރާ ހަދަރު އެތައް ގުނައެއް ކުޑަވުމުގެ އިތުރުން ނެޓްވޯކްގެ ކެޕޭސިޓީ އިތުރު ކުރެވޭނެއެވެ. އަދި މި ނެޓްވޯކް ގާއިމްކޮށް ބެލެހެއްޓުމަށް އެންސީއައިޓީއަށް ފަސޭހަވުމާއެކު، ކައުންސިލްތަކުން ސަރުކާރާއި ގުޅިގެންދޭ އިތުރު ހިދުމަތްތަކަށް މަގުފަހި ވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މީގެ އިތުރުން އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ސްކޫލް އަދި ހޮސްޕިޓަލްތަކަށް ވެސް ކުޑަ ހަރަދަކުން ގައުމީ ކޮމްޕިއުޓާގެ ހިދުމަތް ފުޅާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.