ރަސްމާލެ ހިއްކުމުގެ މަސައްކަތް ޑްރެޖަރުތައް ބޭނުންކޮށްގެން ތިން ގުނަ އަވަސްކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ކ. ގުޅިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ސްޕީޑު ދެ ގުނަ ނުވަތަ ތިން ގުނަ އަވަސް ކުރަން އިތުރު ކުންފުނިތަކުން ޑްރެޖަރުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަހައްދަކުން އެންމެ ބޮޑު ހައްލު އަންނާނެ މަޝްރޫގެ ގޮތުގައި ރަސްމާލެ މަޝްރޫ ސިފަ ކުރައްވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރު އެ މަޝްރޫގެ މަސައްކަތް އެންމެ ބޭނުންވި ސްޕީޑުގައި ކުރިއަށް ނުގެންދެވޭ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މި މަޝްރޫގެ ސަބަބުން ބޮޑު ފައިދާއެއް ވާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި އާ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރަކަށް ހައްދަވާނެ ކަމަށެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ފަށާފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު 18 ވަނަ ދުވަހުއެވެ.
ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫގެ ދަށުން ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރުމަށް ދައުލަތުން ހަރަދެއް ކުރަން ނުޖެހޭއިރު އެ ސަރަހައްދު ހިއްކަނީ ބަދަލުގެ ގޮތުގައި ސީއެމްސީއަށް އެ ސަރަހައްދުން 70 ހެކްޓަރުގެ ބިން ދޭންޖެހޭ ގޮތަށެވެ. 50 އަހަރުގެ މުއްދަތަށް އެ ބިންތައް ދޫކޮށްފައިވާއިރު ބިންތައް ވިއްކައިގެ ލިބޭ ފައިސާ އެޗްޑީސީގެ އެކްސްކްރޯ އެކައުންޓަކަށް ޖަމާކުރުމުން ބިން ހިއްކޭ މިންވަރަކަށް ސީއެމްސީއަށް ފައިސާ ދޫކުރުމަށް ވަނީ އެއްބަސްވެފައެވެ.
ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރު ހިއްކަން ނިންމާފައި ވާއިރު މި މަޝްރޫއުގެ ފުރަތަމަ ހިއްކާ 29 ހެކްޓަރު ބޭނުންކުރާނީ މަޝްރޫއުގެ ބޮޑެތި ފިޔަވަހިތައް ނިންމުމަށް ބޭސްއެއްގެ ގޮތުގައެވެ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީ ކުރާނީ ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށެވެ.