އެއާޕޯޓު ޓްރެފިކު ބާރުބޮޑުވިޔަ ނުދިނުމުގެ ގޮތުން، މާދަމާ ރާއްޖެއިން ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލްއިން އެދިއްޖެއެވެ.

އުމްރާވެރީން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު އެމްއޭސީއެލްއިން ވަނީ އެއާޕޯޓުގެ މަގުތަކާއި ޓާމިނަލް ސަރަހައްދުގައި ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި ތިން ގަޑިއިރު ކުރިން ފުރަން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ޕީކު ގަޑިތަކުގައި ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންގެ ފަރާތުން އެއްބާރުލުން ދީ، އެއާޕޯޓު ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުނަ ނުދިނުމަށްވެސް ވަނީ އެދިފައެވެ.

މާދަމާ އެއާޕޯޓުގެ އެންމެ ބާރު ބޮޑުވާނެކަަމަށް ލަފާކޮށްފައިވާ ގަޑިތަކަކީ

- 06:00 އިން 09:00 އާ ދެމެދު 618 އުމްރާވެރިން ހިމެނޭ ގޮތަށް 2،678 މީހުން ރާއްޖެ އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވޭ

- 06:00 އިން 09:00 އާ ދެމެދު 1,372 ރާއްޖެއިން ފުރާނެ ކަމަށް އަންދާޒާ ކޮށްފައިވޭ

- 14:00 އިން 16:00 އަށް 452 އުމްރާވެރިން ހިމެނޭ ގޮތަށް 2,071 މީހުން ރާއްޖެ އަންނާނެ ކަމަށް އަންދާޒާކޮށްފައިވޭ

- 14:00 އިން 16:00 އަށް 1,091 ރާއްޖެއިން ފުރާނެ ކަމަށް އަންދާޒާ ކޮށްފައިވޭ

މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ ސީޒަންތެރެއަށް ވުމުގެ އިތުރު މިއަހަރު ސްކޫލްތަކުގެ މިޑް ޓާމް ބަންދަށްފަހު ސްކޫލު ހުޅުވޭ ދުވަސްވަރަށްވުމާއެކި، ޗުއްޓީއަށް ދަތުރުކުރި ފަރާތްތަކުން އެބުރި ރަށަށް ދިއުމަށް، އަދި މާލެ އައުމަށްވެސް ދަތުރުކުރަން ވަނީ ފަށާފައެވެ. މީގެ އިތުރުން އުމްރާގެ އަޅުކަމަށް މި މަހު ރާއްޖެއިން 6300 އަށް ވުރެ ގިނަ މީހުން ފުރާފައިވާއިރު، ބައެއް ޖަމާއަތްތަކުގެ އެހީގައި ދިޔަ ފަރާތްތައް ވަނީ އެބުރި ރާއްޖެ އަންނަން ފަށާފައެވެ.