އަންނަ ބުދަ ދުވަހުން ފެށިގެން ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރަން ފަށާއިރު، ޗައިނާ އިން ރާއްޖެ އެތެރެކުރާ މުދަލުގެ 70 ޕަސެންޓު މުދަލުން ޓެރިފް ކެނޑޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރަން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ރާއްޖޭން ޗައިނާއަށް ގެންދާ މުދަލުގެ 95 ޕަސެންޓު އިން އެއްވެސް ޑިއުޓީއެއް ނެތި އެ ގައުމަށް އެކްސްޕޯޓު ކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ވިޔަފާރީގެ ތާރީހުގައި، ދުވަހަކު ވެސް ރާއްޖެއަށް ނުލިބޭވަރުގެ ވިޔަފާރީގެ ކުރިއެރުންތައް މި އެއްބަސްވުމުގެ ސަބަބުން ލިބިގެންދާނެކަން ފާހަގަކުރަމުން ސައީދު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ބާޒާރާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޮޑެތި ފައިދާތައް ކުރާނެކަމެއް ކަމަށެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ފްރީޓްރޭޑު ބައެއް އޭރިއާތަކުގައި ދިވެހި ކުންފުނިތަކަށް ޗައިނާގެ ކުންފުނިތަކަށް ލިބޭ ހުރިހާ ހައްގުތަކާއެކު ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެން ދާކަމަށެވެ. އިންޓާނަލް ޓްރެވަލް ޑިސްޓްރިބިއުޝަން ހިމެނޭގޮތަށް ޗައިނާގެ ކުންފުނިތަކަށް ލިބޭ ހުރިހާ ހައްގެއް ލިބިގެންދާއިރު މިއީ އެއްވެސް އެފްޓީއޭ ޕާޓްނަރަކަށް ޗައިނާ އިން މީގެ ކުރިން ދީފައި އޮތް ބެނެފިޓެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ.
އިތުރަށް ސައީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ލިބޭނެ އުފަލަކީ ރާއްޖޭގައި ބާނާ އަދި ހިފާ މަސް ނުވަތަ ސީފުޑް، އެއްވެސް ޓެރިފަކާ ނުލާ ދުނިޔޭގެ އެންމެ ބޮޑު ބާޒާރަށް ބޭރުކުރެވުން ކަމަށެވެ. މީގެ އިތުރުން ސައީދު ވިދާޅުވީ ދުނިޔޭގައި ބޭނުންކުރާ ސީފުޑް ރާއްޖެ އެތެރެކޮށް ޑަބްލިއުޓީއޯ ގަބޫލު ކުރާ ވެލިއު ކޮންޓެންޓު ހާސިލުކޮށްގެން ޗައިނާއަށް އެކްސްޕޯޓު ކުރުމުގެ ފުރުސަތު ހުރިހާ ދިވެހި ވިޔަފާރިވެރިންނަށް މިހާރު އޮންނާނެ ކަމަށާއި މިއީ ދުނިޔޭގެ އެހެން ވިޔަފާރިތަކަށް އޮތް ފުރުސަތެއްް ނޫންކަމަށެވެ.