ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލްތަކުން ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ފައްޓަވާފައި ވާކަމަށް ހެލްތް މިނިސްޓްރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ނަފްސާނީގޮތުން އެކި އުނދަގޫތައް ކުރިމަތިވާ މީހުން ރާއްޖޭގައި ގިނަކަމަށާއި އެހެންނަމަވެސް ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ލިބެނީ ހަމައެކަނި މާލެއިންނާއި ބައެއް ރީޖަނަލް ހޮސްޕިޓަލްތަކުން ކަމަށެވެ.

އެ ހިދުމަތްތައް ރަށްރަށުން ނުލިބޭތީ ފަރުވާއަށް މާލެ އަންނަ މީހުން ގިނަކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ހުރިހާ އަތޮޅު ހޮސްޕިޓަލްތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސްގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި އެ ހިދުމަތް އަތޮޅުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައި ވާކަން ހާމަކޮށް މިނިސްޓްރު ވިދާޅުވީ އަތޮޅުތަކުގައި ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ދިނުމަށް ބޭނުންވާ ސައިކޮލޮޖިސްޓުންނާ އަދި ސައިކޭޓްރިސްޓުންގެ އިތުރުން ކައުންސެލަރުންނާ، ތެރަޕިސްޓުން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

ސިއްހީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސުލާޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގެ ދަށުން ނަފްސާނީ ސިއްހަތުގެ ހެލްޕްލައިން ނަންބަރެއްގެ ގޮތުގައި 1677 ހަމަޖައްސައި ސައުވީސް ގަޑިއިރު ހިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.