ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދާއި ކުރީގެ ޕްރޮކިއުމަންޓް ހެޑު މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފިއެވެ.
ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ، ދެ ބޭފުޅުންނަށް ވެސް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ސައީދާއި ދީނާގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައި މި ވަނީ 2018 ވަނަ އަހަރު ފެނަކަ އާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ ބްލޭޒަން އިންކްގެ ފަރާތުން މައްސަލަ ފުރިހަމަކޮށްފައި ނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި އެ މަސައްކަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކުރިކަމުގެ ތުހުމަތުގައެވެ.
ދައުލަތުން ބުނީ މި އަމަލުގެ ސަބަބުން ފެނަކަ އަށް 848،000ރ ގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސައީދުގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައެވެ. ފާހަގަކުރެވޭ ގޮތުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފެނަކައިގެ ކުރީގެ އިސްވެރިން ހަވާލުކުރި 25 މަޝްރޫއެއްގެ މައްސަލަ މި ސަރުކާރުން އޭސީސީ އަށް ހުށަހަޅާފައިވެއެވެ.