'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފްލެޓްތައް ދޫކުރުމުގެ މައްސަލައިގައި، ސަރުކާރުގެ 4 މީހަކަށް ދައުވާކުރުމާމެދު ގޮތެއްނިންމުމަށް ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފަށައިފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އެ މައްސަލައިގައި ދައުވާކޮށްދިނުމާ މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާ އެކު ރަސްމީކޮށް ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައިވާއިރު އޭސީސީ އިން ބުނީ ދައުވާކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ވީ އެންމެ އަވަހަށް ކުރަމުންގެންދާނެ ކަމަށެވެ.

މީގެ ކުރިން އޭސީސީން ވަނީ ބިންވެރިޔާ ސްކީމްގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީގައި އިސްކޮށް ތިއްބެވި 4 ފަރާތެއްގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. އެއީ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފު އާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދު އަދި ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ.

އޭސީސީން މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމާމެދު ޕީޖީއާއި އެކު މަޝްވަރާކުރަމުން އަންނައިރު އޭސީސީން ވަނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އަމުރަކަށް ގެދޮރުވެރިޔާ ސްކީމްގެ އިތުރުން 'ބިންވެރިޔާ' ސްކީމާ ގުޅޭ ޖިނާއީ ތަހްގީގެއްވެސް ފަށައިފައެވެ.